އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި ލަސްކުރައްވާ ބޭފުޅެއް ނޫންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދާދި ފަހުން ބޮޑުތަކުރުފާނު މަގުގެ ބާޒާރުމައްޗާވީ ދިމާ ތަރައްގިކޮށް ހުޅުވި ހުޅުވުމަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ ރައްޔިތުނަށް އެ މަގު ބޭނުންކުރުމަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފެށި މަސައްކަތް ނިންމާލީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ.
ކުރިއަށް އޮތް އިންތިހާބުގައި މެޖޯރިޓީ ދޭނީ މިފަދަ ތަރައްގީގެ މަޝްރޫއުތަށް ފަނާކޮށްލާ ބަޔަކަށްތޯ ނުވަތަ އެތަންތަން ރީތިކޮށް ސަލާމަތާއިއެކު ގެންގުޅެ ރައްޔިތުންނަށް ފައިދާ ހޯދައިދޭ ބަޔަކާތޯ ވަޒީރު ވަނީ ރައްޔިތުންނާ ސުވާލު ކުރައްވާފައެެވެ.
"އެ މަގުހަވާލުކުރާނީ އެ މަގުގެ ބޭނުން ނުހިފޭނެ ފަދަ ގޮތަކަށް އަމަލުކުރާ ބަޔަކާތޯ؟. ރައްޔިތުންނަށް ފަސޭހަވާނެތޯ އޭރުން. އެހެންވީމަ އެ މަގު ހވާލުކުރެވެންވާނީ ރައްޔިތުންނަށް ފަސޭހަވާނެ ބަޔަކާ. އެމަގުން ހިނގާ މީހުންނަށް ދުއްވާ މީހުންނަށް މުދާ އުފުލާ މީހުންނަށް ފަސޭހަ ލިބޭނެ ބަޔަކާ. އެގޮތަށް އެތަންތަން ގެންގުޅެދޭނެ ބަޔަކާ ހަވާލުކުރަންވާނީ.". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ވޯޓު ދިނުމުގައި މާލެއަށް ތަރައްގީއާއި ތަހުޒީބު ގެނެސްދެވޭފަދަ ބޭފުޅުން އިސްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!