ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ ސަލާމަތްކޮށްފައިވަނީ އެރޭ ދަންވަރު 02:29 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި ސަލާމަތްކުރި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ ޢުމުރުން 35 އަހަރުގެ އިޤްބާލް މިއާ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރި އިޤްބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެކެވެ. މި
މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!