ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާއިރު، މިއީ ތަޤުވާވެރިވުމާއި ތައުބާވުމުގެ މަތިވެރި މައްސަރެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ އަގުހުރި ނަސޭހަތްތަކެއް ދީފައެވެ.
ޚުޠުބާގައި ބާރުއަޅާފައިވަނީ ކުރެވިފައިވާ ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް، އިޚުލާޞްތެރިކަމާއެކު މާތް ﷲގެ ޙަޟުރަތުގައި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ.
''ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައެވެ. ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެއެވެ.'' - ހުތުބާ-
މިއަދުގެ ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް މާތް ﷲ މަތިވެރިކުރެއްވީ އެތައް ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދައިގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުން ހިމެނެއެވެ. އަދި މި މަހުގައި ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ޖަޒާ އިތުރުވެގެންވާކަންވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ތައުބާވުމުގެ މާނައަކީ ކުރެވިފައިވާ ފާފަތަކުން އެއްކިބާވެ، އެކަމާ ހިތާމަކޮށް، ދެން ދުވަހަކުވެސް އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤު އަދާކުރުމާއެކު ތައުބާވުމަކީ ލާޒިމްކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެކަލާނގެ ރަޙުމަތުން އުންމީދު ކަނޑާނުލުމަށާއި، ހަމަކަށަވަރުން ﷲ އީ އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެ ކަމަށެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފައާއި ފަހުން އަންނަން އޮތް ފާފަ ފުއްސަވާފައިވާ ބޭކަލަކަށް ވީހިނދުވެސް، ދުވާލަކު ހަތްދިހަ ފަހަރަށްވުރެ ގިނައިން ތައުބާވެވަޑައިގަންނަވައެވެ. މިއީ މުސްލިމުންނަށް އޮތް މަތިވެރި ނަމޫނާއެކެވެ.
ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ހަނދާންކޮށްދެމުން، ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلتَّقْوَى هَـٰهُنَا، اَلتَّقْوَى هَـٰهُنَا، وَيُشِيْرُ إِلَى صَدْرِهِ) މާނައީ: "ތަޤުވާވެރިކަންވަނީ މިތާނގައެވެ." (އެބަހީ: ހިތުގައެވެ.) މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތްކުރެއްވިއެވެ." (أخرحه مسلم (2564)) މި ބަސްފުޅުން ދޭހަވާ ގޮތުގައި ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެކެވެ.
ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީވެސް ތަޤުވާވެރިވުމެވެ. އެހެންކަމުން، މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.
މި މައްސަރުގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ކީރިތި ރަސޫލާ ﷺ ގެ އާދަފުޅުތައް ދަސްކުރުން މުހިންމެވެ. އެކަލޭގެފާނަކީ ރަމަޟާން މަހުގައި އެންމެ ދީލަތި ބޭކަލެވެ. އަދި ޖިބްރީލްގެފާނާއެކު ޤުރްއާން މުދާރަސާކުރައްވައި، ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ. ރަމަޟާން މަހުގެ ރޭތަކުގައި އީމާންކަމާއެކު ސަވާބަށް އެދި ރޭ އަޅުކަންކުރާ މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނޭކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވާފައެވެ.
ޚުޠުބާގައި ގޮވާލާފައިވަނީ، ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރަކަށް ވީހިނދު، މި ފުރުޞަތުގެ ބޭނުން ހިފައި ގިނަގިނައިން ދުޢާކޮށް، ތައުބާވެ، ހެޔޮ އަމަލުތައް އިތުރުކުރުމަށެވެ. އަދި އަމިއްލަ ނަފުސުގެ އިތުރުން އަހުލުވެރިންވެސް ރޭ އަޅުކަމަށް ހޭނުވުމަށް ނަސޭހަތްތެރިވިއެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا كَانَ أَوَّلُ لَيْلَةٍ فِيْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْـجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْـجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ يَا بَاغِيَ الْـخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلِكَ كُلُّ لَيْلَةٍ) މާނައީ: "ރަމަޟާންމަހުގެ ފުރަތަމަ ރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅުއެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭނެތެވެ. އޭގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުއްވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން އެންމެ ދޮރުކޮޅެއް ވެސް ބަންދެއްނުކުރެވޭނެތެވެ. އަދި ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލައި އަންނާށެވެ! އޭ ނުބައި ކަންތައްތަކަށް އެދޭ މީހާއެވެ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ! މާތް الله، ރޯދަމަހު އެކަލާނގެ އަޅުތަކުންގެ ތެރެއިން ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ!" (أخرجه الترمذى (682) وابن ماجه (1642)، واللفظ للترمذي. حسنه الألباني في صحيح الجامع الصغير وزيادته (المكتب الإسلامي)، ص 192،193، ج1، حديث رقم (759).)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!