ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން ޤަރާރަކުން އިޢުލާނު ކުރައްވައިފިއެވެ.
މި ވޯޓަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
މި ބިލު ތަޞްދީޤު ކުރެވޭނީ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙުތައް ގެނައުމަށް ފެންނަކަމަށް ނިންމައިފިނަމައެވެ. އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލު ބާޠިލުވާނެއެވެ.
ވޯޓު ނެގުން އޮންނާނީ 2026 އޭޕްރިލް 4 ގައި
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލަކީ، "މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުއަސާސީގެ 8 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރަން ފެނޭތޯ ނުވަތަ ނޫންތޯ" އެވެ.
މި ވޯޓުގެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދިޔުމަށްޓަކައި މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.
ވޯޓުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރައްވަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!