ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ޤާއިމުކޮށް، މިހާރު ހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

Ad
rt

މިއަހަރުގެ ތެރޭގައި ކުރަން ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ދެވަނަ އާރބަން ހެލްތު ކެއަރ ސެންޓަރެއް ޤާއިމުކުރުމާއި، ލޭގެ ސާމްޕަލްތައް އުފުލުމަށް ޓެމްޕަސް ސިސްޓަމް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން އައިޖީއެމްއެޗުގެ ވޯޑުތައް ބަލިމީހުންނަށް ފަސޭހަވާނެހެން އަލުން ފަރުމާކުރުމާއި، ލެބޯޓްރީގެ ބައެއް ޚިދުމަތްތައް އިމާރާތުގެ ތިރީ ބަޔަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުން

ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބާއި އައިސީޔޫގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، ނޭޝަނަލް ކާޑިއެކް ސެންޓަރާއި، ކާޑިއޯ ތޮރޭސިކް އެންޑް ވަސްކިއުލާ ސާޖަރީ ފަދަ ޚާއްޞަ ފަރުވާތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. އަދި ރޮބޮޓިކް ސާޖަރީއާއި، އިންޓަވެންޝަނަލް ރޭޑިއޮލޮޖީ އަދި ލޮލުގެ ފަރުވާގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ. ސަރުކާރުގެ އުންމީދަކީ ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.