އިސްރާއީލުން ފަލަސްތީނުގެ ޓެކްސް ފައިސާ ހިފަހައްޓަމުންދާތީ، ފަލަސްތީން އޮތޯރިޓީއަށް "ނެތިދިއުމުގެ ބިރު" ކުރިމަތިވެފައިވާ ކަމަށާއި، 2026 ވަނަ އަހަރަކީ އެ އޮތޯރިޓީގެ ތާރީޚުގައި މާލީ ގޮތުން އެންމެ ދަތި އަހަރަށް ވާނެ ކަމަށް ފަލަސްތީނުގެ ފައިނޭންސް މިނިސްޓަރު އިސްތިފާން ސަލާމާ އިންޒާރު ކުރައްވައިފިއެވެ.
ރާމަﷲގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލާމާ ވިދާޅުވީ، ފަލަސްތީނަށް ލިބެންޖެހޭ އާމްދަނީގެ ގާތްގަނޑަކަށް 70 އިންސައްތަ އިސްރާއީލުން މިހާރު ވަނީ ހިފަހައްޓާފައެވެ.
މީގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓް އިންތިހާއަށް އިތުރުވެ، މުވައްޒަފުންގެ މުސާރަ ދިނުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގެންގުޅޭ މި ހަރުކަށި ސިޔާސަތުތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި އަމަލެކެވެ.
މީގެ އިތުރުން، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް، ފަލަސްތީނުގެ ބޭންކުތަކާ އޮންނަ ގުޅުން ކަނޑާލާނެ ކަމަށް ދެމުންދާ އިންޒާރުތަކުގެ ސަބަބުން، ހުޅަނގު އައްސޭރީގެ މާލީ ނިޒާމު އެއްކޮށް އިނދަޖެހި، ފަލަސްތީނުގެ އިގްތިސާދު ބައިނަލްއަގުވާމީ ދުނިޔެއިން އެކަހެރިވެދާނެ ކަމުގެ ބިރު އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަން 2025 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ދައްކަންޖެހޭ ފައިސާ އާއި ޑެފިސިޓްގެ އަދަދު މިހާރު ވަނީ 4.26 ބިލިއަން ޑޮލަރަށް އަރާފައެވެ. އިސްރާއީލުން ހިފަހައްޓަމުންދާ "ކްލިއަރެންސް ރެވެނިއު" އަކީ ފަލަސްތީނަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ފައިސާއެވެ. ނަމަވެސް، އިސްރާއީލުން މި ފައިސާ ބޭނުންކުރަނީ ފަލަސްތީނަށް ސިޔާސީ ގޮތުން ޕްރެޝަރު ކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ.
ބޭރުގެ އެހީއާ ގުޅޭގޮތުން ސަލާމާ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ބޭރުގެ އެހީގެ ގޮތުގައި ޖުމްލަ 1.65 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ އަޅާބަލާއިރު އެއީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ މާލީ ތާށިކަމުގެ ސަބަބުން، ކުރިއަށް އޮތް ހޯމަ ދުވަހު ސަރުކާރު މުވައްޒަފުންނަށް ދެވޭނީ މުސާރައިގެ އެންމެ 60 އިންސައްތަ ކަމަށް ވެސް އޭނާ އިއުލާން ކުރެއްވިއެވެ.
2023 އޮކްޓޯބަރު މަހު ގައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުން ދަނީ ފަލަސްތީނަށް ދޭންޖެހޭ ޓެކްސް ފައިސާގެ ބޮޑުބައެއް ގަސްދުގައި އުނިކުރަމުންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ ހުރެ ހިންގަމުންދާ މި އަމަލުތަކަކީ ފަލަސްތީން އޮތޯރިޓީ ބަލިކަށިކޮށް، ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުގެ ބާރު ގަދަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!