ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، މަތީ ފަންތީގެ މަޝްވަރާތަކާއި އެއްބަސްވުންތަކުގެ އެހީގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ސިންދަފާތުކޮށް ވަރުގަދަކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.

Ad
rt

އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭއްވި 'މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް' ގައި ރައީސް ވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތައް ހާމަކުރައްވާފައެވެ. އަދި ޖަރުމަނުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓްކުރުމަށް އެމަނިކުފާނު ވަނީ ދަޢުވަތު ދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމުގެ މަޤްޞަދުގައި ވިޒިޓް މޯލްޑިވްސް އާއި ޖަރުމަނުގެ ޑިއަރޓުއަރ ޑޮއިޝްލަންޑާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ޖަރުމަނުގެ އިލްމީ އަދި ސިޔާސީ މުއައްސަސާތަކުގައިވެސް ރައީސް ވަނީ މުހިންމު ތަޤުރީރުތަކެއް ދެއްވާފައެވެ. އެގޮތުން ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ދެއްވި ތަޤުރީރުގައި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކާއި އެކަމާ ކުރިމަތިލުމުގައި ރާއްޖޭގެ ތަޞައްވުރު ހާމަކުރެއްވިއެވެ. އަދި ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ ދައުރާއި އޭގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޖަރުމަނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ދަތުރުފުޅަކަށް ވުމާއެކު، އެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖާފަތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ޖަރުމަނުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި ދަރިވަރުންނާ ބައްދަލުކުރައްވައި، އެފަރާތްތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.