ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައެވެ.
މި ބައްދަލުކުރެއްވުމަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ދަތުރުފުޅެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، މި ދަތުރުފުޅު ދިމާވަނީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.
ރަސްމީ މަޝްވަރާތަކުގައި އިސްކޮށް ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި މަތީ ފަންތީގެ މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، ވަރުގަދަކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ މި މަހުގެ 9 އިން 13 އަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!