ބައެއް ގައުމުތަކުގެ އެހާރާއި މިހާރުގެ ވެރިންނާއި ބޮޑެތި މަހުޖަނުންނާއި އެކި ފަންތީގެ ބާރުގަދަ މީހުންނާއި ގާތް ގުޅުމެއް އޮތްކަން ހާމަވި ލިޔުންތަކުން އެނގޭ އިންސާނީ ވަގުވިޔަފާރިއާއި ކުޑަކުދިންތަކެއް ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ ޖަރީމާ ހިންގި ޖެފްރީ އެޕްސްޓީންގެ މަރުގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް މައްސަލައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ، ޖަލުގައި ހުއްކޮށްފައި ހުއްޓާ އޭނާ މަރުވި ކަމަށް ބުނާ ބުނުމާ މެދު އަދިވެސް ގިނަ ބަޔަކު ޝައްކު އުފައްދައެވެ. މި ދުވަސްވަރު އަނެއްކާވެސް މި ވާހަކަތައް އާލާވެފައިވަނީ، އެޕްސްޓީން އަދިވެސް ދިރިހުރި ކަމަށާއި، އޭނާ މިހާރު އުޅެނީ އިސްރާއީލުގެ ތެލްއަވީވްގައި ކަމަށް ބުނާ ކޮންސްޕިރަސީ ތިއަރީތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

އާ ފައިލްތަކާއި EFTA00133623 ގެ ސިއްރު

Ad
rt

މި ތިއަރީތައް އަލުން ދިރިގެން އައީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ޑޭޓާބޭސްއިން ފެނުނު 'EFTA00133623' ގެ ނަމުން ނަންދީފައިވާ ލިޔުމަކާ ގުޅިގެންނެވެ. މިދިޔަ ހުކުރު ދުވަހު އާންމުކުރި މި ފައިލްތަކުގެ ތެރޭގައި ހިމެނޭ މި ލިޔުމަކީ '4Chan' ފޯރަމްގައި ކޮށްފައިވާ ޕޯސްޓަކަށް ދީފައިވާ ކޮމެންޓެއް ކަމަށް ބެލެވެއެވެ.

މި ލިޔުމުގައިވާ ގޮތުން، އެޕްސްޓީން މަރުވި ކަމަށް ބުނާ ރޭ، އޭނާ ފުރޮޅުލީ ގޮނޑިއެއްގައި ބޭސްފަރުވާއަށް ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ރަޖިސްޓްރީ ނުކުރާ ވޭނެއް ޖަލަށް ވަތް ކަމަށާއި، އެ ވޭންގެ ފަހަތުގައި އަސްކަރީ ހެދުމެއްގައި މީހަކު އިން ކަމަށް ވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. މި ލިޔުން ލިޔުނު ފަރާތުން ބުނެފައިވަނީ، އެޕްސްޓީން ދަންޖެހިގެން މަރުވީ ކަމަށް ބުނި ނަމަވެސް، ހަގީގަތަކީ އެ ވޭނުގައި އޭނާ އެހެން ތަނަކަށް ބަދަލުކުރީ ކަމަށެވެ.


އިސްރާއީލާ އޮތް ގުޅުމާއި "ޖާސޫސީ" ތިއަރީ

އެޕްސްޓީން ތެލްއަވީވްގައި ހުރި ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާއާ އޮތް ކަމަށް ބުނާ ގުޅުމެވެ. އެފް.ބީ.އައިގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އެޕްސްޓީންއަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކްގެ ދަށުން ތަމްރީނުވެފައިވާ ޖާސޫސެކެވެ. އެހެންކަމުން، މޮސާޑް ފަދަ ވަރުގަދަ ޖާސޫސީ އިދާރާއަކުން އޭނާ ސަލާމަތްކޮށް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބެލެވޭ ތެލްއަވީވަށް ގެންގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ އިތުރުން، އެޕްސްޓީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު ނަގާފައިވާ ފޮޓޯތަކުން ފެންނަ މީހާގެ ކަންފަތާއި މޫނުގެ ބައެއް ސިފަތައް އެޕްސްޓީންއާ ދިމާނުވާ ކަމަށާއި، އޭނާގެ ހަށިގަނޑުގައި ހުންނަންޖެހޭ ޓެޓޫތައް ފޮޓޯއިން ނުފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިންތިޒާމީ ފޭލިވުންތަކާއި ޝައްކުތައް

އެޕްސްޓީން މަރުވި ރޭ ޖަލުގެ ސެކިއުރިޓީ ކެމެރާތައް ހަލާކުވެފައި ހުރުމާއި، އޭނާ ބަލަހައްޓަން ތިބި ގާޑުންނަށް ނިދިފައި ތިބުމަކީ "އިއްތިފާގެއް" ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ވަނީ ދަތިވެފައެވެ. ރަސްމީ ރިޕޯޓުތަކުގައި އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބުނި ނަމަވެސް، އޭނާގެ އާއިލާއިން ހޯދި މިނިވަން ޕެތޮލޮޖިސްޓް ޑރ. މައިކަލް ބޭޑަން ވިދާޅުވަނީ، ހަށިގަނޑުން ފެނުނު ނިޝާންތަކަކީ މީހަކު ކަރުގައި ހިފާ މަރާލުމުން ފެންނާނެ ފަދަ ނިޝާންތަކެއް ކަމަށެވެ.

އެޕްސްޓީން މަރުވީ ކަމަށް ރަސްމީ އިދާރާތަކުން ކަނޑައަޅާފައިވީ ނަމަވެސް، ފެންމަތިވަމުންދާ އާ ލިޔުންތަކާއި، ހާމަނުވާ ސިއްރުތަކުގެ ސަބަބުން "އެޕްސްޓީން ދިރިހުރި" ކަމަށް ބުނާ ވާހަކަތަކަށް ލިބޭ ބާރު ކުޑައެއް ނުވެއެވެ. އޭނާ ހުރީ އިސްރާއީލްގެ ތެލްއަވީވްގައި ކަމަށް ބުނާ ބުނުމަކީ އެއްވެސް ހެއްކެއް ފެންނަން ނެތް ވާހަކައެއް ނަމަވެސް، މި މައްސަލައިގެ ހަގީގަތް ހޯދުމަށް އާންމުން ކުރާ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.