ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަލުން އިޢުލާންކޮށްފިއެވެ.

މިއީ މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން އިޢުލާންކުރި ހަތަރު ވަނަ ފަހަރެވެ.

Ad
rt

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަށް ކަނޑައަޅާފައިވަނީ ބާރަށުން 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަމީޓަރުގެ ބިމެކެވެ. މި ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުން

މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ. ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22 ފެބުރުވަރީ 2025 ގެ މެންދުރު 12:00 ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއަށް ހާޟިރުވެގެންނެވެ.

ބީލަން ފޮތް ދޫކުރުން

މި މަޝްރޫޢުގެ ބީލަން ފޮތް 1 ފެބުރުވަރީ 2026 އިން ފެށިގެން 30 މާރިޗު 2026 އާ ހަމައަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު ވެލާނާގެ 5 ވަނަ ފަންގިފިލާގައި ހުންނަ އެ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ލިބޭނެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 26 މާރިޗު 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި މަޝްރޫޢުގެދަށުން މަދުވެގެން 50 އެނދު ތަރައްގީކުރަން ޖެހެއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ފަސް ވަރަކަށް މިނިޓްގެ ރާސްތާގައި އޮންނަ ބާރަށުގައި ތަރައްޤީކުރާ މި ހޮޓަލަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.