ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި "ޝަހީދު ޢަލީ" ސްކޫލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުވުމާއެކު އެ ސްކޫލުގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފައެވެ.

މި ސްކޫލަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލި ޒަމާނީ ފެންވަރުގެ ސްކޫލެކެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން އެ ސަރަޙައްދުގައި ތަރައްޤީކުރި ދާއިމީ ދެވަނަ ސްކޫލެވެ.

Ad
rt

ޖުމްލަ 54 ކްލާސްރޫމް ހިމެނޭ މި ސްކޫލަކީ ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2,500 ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ވަރުގެ ބޮޑު ސްކޫލެކެވެ. މިއީ އެ ސަރަޙައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެކެވެ.

ޝަހީދު ޢަލީ ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ ގިނަ ވަޞީލަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އޭގެ ތެރޭގައި 400 ކުދިންގެ ޖާގައިގެ އޮޑިޓޯރިއަމަކާއި، ލައިބްރަރީ، ކޮމްޕިއުޓަރު ލެބް، އަދި ސައިންސް ލެބްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ކުޅިވަރާއި ހަށިހެޔޮކަމަށް އަމާޒުކޮށްގެން ޓާފް ދަނޑަކާއި އިންޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

މި ސްކޫލް ހުޅުވުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.