މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

Ad
rt

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީވާން ޖެހެއެވެ. މިގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވާނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ފަރާތުންނެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް މަޖިލީހުން ޖަވާބު ދޭންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ތިންވަނަ ފަހަރެވެ.