ޣައްޒާގައި ހިޔާވަހިކަން ހޯދަމުންދާ އާއިލާތަކުން ދިރިއުޅޭ ވަގުތީ ފޭލިގެތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކާ އެކު، ގަދަ ފިންޏަށް ހުށަހެޅިގެން ފަލަސްތީނުގެ އަލަށް އުފަންވި ތުއްތު ކުއްޖަކު ހޮނިހިރު ދުވަހުގެ ފަތިހު މަރުވެއްޖެ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މަހްމޫދު އަލް-އަޤްރާ ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރުވިއިރު އުމުރަކީ އެންމެ ހަތް ދުވަހެވެ. އޭނާ މަރުވީ ގައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ފިނިގަދަވުމުގެ ސަބަބުންނެވެ.

Ad
rt

އެ އާއިލާއިން ހިޔާވަހިކަން ހޯދަމުން ދިޔައީ ދައިރުލް ބަލަހްގައި ހުރި ވަގުތީ ފޭލިގެއެއްގައެވެ. ގަދަ ފިންޏާއި ބާރު ވަޔާ ހުރެ އެ ރޭ އެ ސަރަހައްދުގެ މީހުންނަށް ހޫނުކަން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

"އޭނާ ވަރަށް ބޮޑަށް ތުރުތުރު އަޅަން ފެށި، އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އެކަމަކު އެއްވެސް ހޫނުކަމެއް، ރައްކާތެރި ހިޔާވަހިކަމެއް، ނުވަތަ ފިންޏަކުން އޭނާ ސަލާމަތްކުރާނެ އެއްވެސް އެއްޗެއް ނެތް." އެ ކުއްޖާގެ ބައްޕަ އަލް-އަޤްރާ ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިމަޖެންސީ ޓީމުތަކަށް އެ އާއިލާއާ ހަމައަށް ނުދެވުމުން، ބައްޕަ ޖެހުނީ ކުއްޖާ ފޮތިގަނޑަކަށް އޮޅާލައިގެން އެންމެ ކައިރީގައި ހުރި ފީލްޑް ހޮސްޕިޓަލަށް ދުވެފައި ދާށެވެ. މެޑިކަލް ސްޓާފުން ބުނި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ހުރީ ނުރައްކާތެރި މިންވަރަކަށް ދަށްވެފައެވެ.

ކުއްޖާގެ ހާލަތު ރަނގަޅުކޮށް ހޫނުކަން ދިނުމަށް ކުރި މަސައްކަތްތަކަށް ފަހު، މަހްމޫދު އަލް-އަޤްޞާ މާޓިއާސް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. ނަމަވެސް، ހައިޕޯތާމިއާ (ހަށިގަނޑުގެ ފިނިހޫނުމިން އިންތިހާއަށް ދަށްވުން) ގެ ސަބަބުން އޭގެ ގަޑިއިރުތަކެއް ފަހުން އޭނާ ވަނީ މަރުވެފައެވެ.

ހޮސްޕިޓަލުގެ މޯޗަރީގައި، އެ ކުއްޖާގެ ބައްޕަ އޭނާގެ ދަރިފުޅަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކުރިއެވެ. އެ ކުޑަކުޑަ ހަށިގަނޑުން ގަދަ ފިންޏަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

މަހްމޫދުގެ ބޭބެ، ޔޫސުފް، ކަރުނައާއެކު ކައިރީގައި ހުއްޓެވެ. "އޭނާ މަރުވީ ފިނީގައި،" އެ ކުއްޖާ މަޑުމަޑުން ބުންޏެވެ. "އަހަރެމެން އަތަކު ހީޓަރެއް ނެތް. އޮތީ މަދު ރަޖާގަނޑެއް، އެވެސް ފުދޭވަރެއް ނޫން." އެ ކުއްޖާ ބުނެފަވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ހޮނިހިރު ދުވަހުގެ ކުރީކޮޅު ބުނި ގޮތުގައި، ކުރިމަތިވި ތޫފާނުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ އެތައް ހާސް ފޭލިގެއަކަށް ވަނީ ގެއްލުންވެ ނުވަތަ ވަޔާ ބުރައިގެން ގޮސްފައެވެ. ހާއްސަކޮށް އައްސޭރިފަށުގެ ސަރަހައްދުތަކުގައި ގަޑިއަކު 60 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން މީހުން ވަނީ ހާމަޔަށް ހުށަހެޅިފައެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް މި ހާދިސާ ގުޅުވީ، އިސްރާއީލުން ގައްޒާއަށް އިންސާނީ އެހީއާއި އާބާދުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން ހުއްޓުވާފައި އޮތުމާއެވެ.

ބާސަލް ވިދާޅުވީ މި ކްރައިސިސްއަކީ ހަމައެކަނި މޫސުން ގޯސްވުމުގެ ނަތީޖާއެއް ނޫން ކަމަށާއި، މިއީ ހިޔާވަހިކަމަށް ބޭނުންވާ ސާމާނާއި އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ނަތީޖާއެއް ކަމަށެވެ.

"މިއީ ގުދުރަތީ ކާރިސާއެއް ނޫން، މިއީ އިންސާނުން އުފައްދާފައިވާ އިންސާނީ ކާރިސާއެއް." " އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލު ސިފައިން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި 71،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މުޅި ގައްޒާ ވަނީ ސުންނާފަތިވެފައެވެ.

މިދިޔަ އޮކްޓޯބަރު 10 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. ގައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 424 ފަލަސްތީނު މީހުން މަރުވެ، 1،189 މީހުން ވަނީ ޒަހަމްވެފައެވެ.