މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ބާރަށު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ބާރަށު ޖެޓީ ސަރަހައްދުންނެވެ. އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފައިވަނީ، ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ފުނަދޫ ބަނދަރުމަތިން އާދަމް ފަތުޙީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އޭނާގެ އަތުންވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މީގެ އިތުރުން އާދަމް ފަތުޙީގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ދެ މައްސަލަވެސް ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!