2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓާއި، އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ނަންބަރު 1414 އަށް VR (space) IDNOޖެއްސެވުމަށްފަހު އެސް.އެމް.އެސް ކޮށްގެންވެސް ރަޖިސްޓަރީގައި އޮތްގޮތް ޗެކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Ad
rt

ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00އެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީގައި ހުރި މައުލޫމާތުތައް ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކަށް ޝަކުވާ ހުށަހެޅޭނެއެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަންޖެހޭނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން، އުނިކުރުން ނުވަތަ މައުލޫމާތަކަށް ބަދަލު ގެނައުމަށް އެދޭނަމަ، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ އޭޕްރިލް 4 ވާ ހޮނިހިރު ދުވަހުއެވެ.