ހއ. ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 21 އަހަރުން ދަށުގެ (ޔޫ-21) "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލަޑް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ޔަންގް ބްލަޑް ބައްދަލުކުރީ ހޯރަފުށި 22 ސްޕޯޓްސްއާއެވެ. ވާދަވެރި ކުޅުމަކަށްފަހު ޔަންގް ބްލަޑުން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު ޔަންގް ބްލަޑް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ތަށި އުފުލާލާފައެވެ.

Ad
rt

މިއީ މޮޅަދޫގެ ޓީމަކުން އެ ރަށުން ބޭރުގައި ބޭއްވި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ރަނަރަޕް 22 ސްޕޯޓްސް ކްލަބް، ފޮޓޯ: ހަހެތި

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޔަންގް ބްލަޑްގެ ޖޯޒީ ނަންބަރު 21، މުހައްމަދު ޒަޔާން އެވެ.

މި މުބާރާތުގެ ''ކިންގް އޮފް ދަ ޓޯނަމަންޓް'' އަކަށް ހޮވިފައި ވަނީ ޔަންގް ބްލަޑްގެ ޖޯޒީ ނަންބަރު 21 މުހައްމަދު ޒަޔާން އަހްމަދު ވަހީދެވެ. މި މުބާރާތުގެ ބެސްޓް ކޯޗަކީ ވެސް އެ ޓީމުގެ މުހައްމަދު އާދަމް އެވެ.

ކިންގް އޮފް ދަ ޓޯނަމަންޓް މުހައްމަދު ޒަޔާން އަހްމަދު ވަހީދު، ފޮޓޯ: ހަހެތި

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • މުހައްމަދު ޒަޔާން، ޖޯޒީ ނަންބަރު 21، ޔަންގް ބްލަޑް
  • ހަސަން ރިޝާހް މުހައްމަދު، ޖޯޒީ ނަންބަރު 9، 22 ސްޕޯޓްސް ކްލަބް،
  • މުހައްމަދު ރިޝާން، ޖޯޒީ ނަންބަރު 30، 22 ސްޕޯޓްސް ކްލަބް،
  • މުހައްމަދު މިޝްއަލް، ޖޯޒީ ނަންބަރު 11، އެފްސީ ފްރިގޭޓަރ
  • ޒައިން އަޙްމަދު ވަޙީދު، ޖޯޒީ ނަންބަރު ނަންބަރު 65، ޔަންގް ބްލަޑް (ގަދަ ފަހެއްގެ ކީޕަރ)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ހަހެތި

މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ޔަންގް ބްލަޑްގެ ޖޯޒީ ނަންބަރު 21 މުހައްމަދު ޒަޔާންއެވެ. އެންމެ އުންމީދީ ކުޅުންތެެރިއަކަށް ހޮވުނީ ބާވީސް ސްޕޯޓްސްގެ ޖޯޒީ ނަންބަރު 66 ޔޫސުފް އަނާލް ހަސަންއެވެ.

މި މުބާރާތުގެ ބެސްޓް ސަޕޯޓަރުންގެ ގޮތުގައި ހޮވިފައި ވަނީ ޔަންގް ބްލަޑްގެ ސަޕޯޓަރުންނެވެ.

މި މުބާރާތުގައި ޖުމްލަ 4 ރަށަކުން 6 ޓީމެއް ވާދަކޮށްފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ އެންވީކޭ މިއަހަރުގެ މުބާރާތުން ވަނީ ކަޓާފައެވެ. އެ ޓީމު މުބާރާތުން ވަކިވާން ޖެހުނީ މެޗުތަކަށް ހާޒިރުނުވުމުގެ ސަބަބުންނެވެ.

މި މުބާރަތް ކުޅުނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޔަންގް ބްލަޑް، 22 އެސްސީ، އަދި ބާރަލާ އެސްސީ އެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ޓީމް ހިޔާ، އެފްސީ ފްރިގޭޓަރ، އަދި އެންވީކޭ އެވެ.