ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ "އަސާސީ ދަނޑު" ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ.
ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ދަނޑު ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހަކާ އިނދެގެން އުޅޭ ނުވަތަ އަމިއްލަ ގެއެއް ނުވަތަ ގޯއްޗެއް ލިބިފައިވާ ރައްޔިތުންނަށެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ ދަނޑު ދޫކުރުމުގައި ގެދޮރު އަޅައިގެން ވަކިން ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ފަތްކެޔޮ ހެއްދުމަށް ދޫކޮށްފައިވާ ދަނޑުތަކާއި، މިހާރުވެސް ފަތްކެޔޮ ހެއްދުމަށް ބޭނުންކުރަމުންދާ ދަނޑުތައް ދެން އިތުރަށް ދެމެހެއްޓޭނީ މި ފުރުސަތުގައި އަސާސީ ދަނޑެއްގެ ގޮތުގައި ބޭއްވުމަށް އެދި ހުށަހަޅައިގެން ކަމަށްވެސް ކައުންސިލުން ބުނެއެވެ.
އަސާސީ ދަނޑު ލިބޭ ފަރާތްތަކުން ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ އެންމެހާ ޒިންމާތައް އުފުލަން ޖެހޭނެއެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ރަށުގެ ބިންތައް އުސޫލުގެ ތެރެއިން ބޭނުންކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މި ފުރުސަތުގެ ދަށުން ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކައުންސިލް އިދާރާއިން ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!