އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، މުޅި ސަރަހައްދު ސުންނާފަތި ކުރަމުންދާ ދަނޑިވަޅެއްގައި، ކީރިތި ގުރުއާން މުޅިން ހިތުދަސްކުރި 500 ފަލަސްތީނު ރައްޔިތުންގެ ޝަރަފުގައި ޣައްޒާ ސިޓީގެ އަލްޝާތީ ރެފިއުޖީ ކޭމްޕުގައި ބުރާސްފަތި ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުން އިންތިޒާމުކުރި މި ހަފުލާގައި، ހަނގުރާމައިގެ ސަބަބުން އެތައް ފަހަރަކު ގެދޮރު ދޫކޮށް ދާންޖެހުނު އާއިލާތަކާއި، ދީނީ އިލްމުވެރިންނާއި، މުދައްރިސުން އަދި ކޭމްޕުގެ ރައްޔިތުން ބައިވެރިވިއެވެ. ގުރުއާން ކިޔެވުމާއި ދުއާކުރުމުގެ އިތުރުން، މެދުނުކެނޑި ދެމުންދާ ބޮން އެޅުމާއި، ހިސާރުކުރުމާއި، އިންސާނީ ކާރިސާއެއްގެ ތެރޭގައިވެސް ދެއްކި ސާބިތުކަމާއި އީމާންތެރިކަމާ ގުޅޭގޮތުން މި ރަސްމިއްޔާތުގައި ވާހަކަދެކެވުނެވެ.

Ad
rt

އިންތިޒާމުކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ދަރިވަރުން ޤުރުއާން ހިތުދަސްކުރީ އިންތިހާއަށް ނުރައްކާތެރި އަދި ދަތި ހާލަތްތަކެއްގެ ތެރޭގައެވެ. އޭގެ ތެރޭގައި މެދުނުކެނޑި ދެވޭ ވައިގެ ހަމަލާތަކާއި، ކަރަންޓާއި ސާފު ބޯފެނުގެ ދަތިކަމާއި، ރައްކާތެރި ހިޔާވަހިކަމެއް ނެތުމުގެ އިތުރުން އާއިލާގެ މެންބަރުން ވަކިވެދިޔުމުގެ ހިތާމަ ހިމެނެއެވެ. އިސްރާއީލުގެ ހަމަލާތަކުގައި މިސްކިތްތަކާއި މަދަރުސާތައް ސުންނާފަތިވަމުން ދިޔައިރުވެސް، ގިނަ ކުދިން ކިޔެވުން ކުރިއަށް ގެންދިޔައީ އުުއްބައްތި ބޭނުންކޮށްގެން ނުވަތަ ހަމައެކަނި ހަނދާނަށް ބަރޯސާވެގެން، ތޮއްޖެހިފައިވާ ހިޔާވަހިތަކާއި ގެއްލުން ލިބިފައިވާ ގޭގޭގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ދުވަސްވަރު ޤުރުއާން ހިތުދަސްކުރުމަކީ ހަމައެކަނި ރޫހާނީ ކާމިޔާބީއެއް ނޫނެވެ. އެއީ ފަލަސްތީނުގެ ވަންތަކަން ދެމެހެއްޓުމަށާއި އިސްތިއުމާރާ ދެކޮޅަށް ކުރެވޭ ވަރުގަދަ މަސައްކަތެކެވެ. އިންތިޒާމުކުރި ފަރާތަކުން ބުނި ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ސަގާފަތާއި މުސްތަޤުބަލު ފޮހެލަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މި ހާފިޒުންނާއި ހާފިޒާއިން ވަނީ ﷲގެ ކަލާމްފުޅު އެކުދިންގެ ހިތްތަކުގައި ރައްކާތެރިކޮށްފައެވެ.

ރަސްމިއްޔާތުގައި ބައިވެރިވި ދީނީ އިލްމުވެރިން ވިދާޅުވީ، އެތައް އަހަރެއްގެ ބަންދުކުރުންތަކާއި އަސްކަރީ ހަމަލާތަކާ އެކުވެސް، ޣައްޒާއަކީ ޤުރުއާން އުނގަންނައިދިނުމުގެ ވަރުގަދަ ތާރީޚެއް އޮތް ތަނެއް ކަމަށެވެ. ހަނގުރާމައިގައި ގިނަ މަރުކަޒުތަކެއް ހަލާކުވެފައިވީ ނަމަވެސް، އަމިއްލަ ފަރުދުންނާއި އާއިލާތަކުގެ އެހީތެރިކަމާއެކު ނުރަސްމީކޮށް ކިޔަވައިދިނުން ހުއްޓުމެއްނެތި ކުރިއަށްދާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ދަރިވަރުންގެ އާއިލާތަކުން ވަނީ މި ކާމިޔާބީއާ މެދު ފަޚުރުވެރިވާކަން ހާމަކޮށް، މިއީ ބޮޑު ތަކުލީފުތަކެއްގެ ތެރެއިން ލިބުނު އުންމީދެއް ކަމަށް ބުނެފައެވެ. ބެލެނިވެރިން ކިޔައިދިން ގޮތުގައި، ބޮންތައް އަޅަމުންދިޔަ ބިރުވެރި ވަގުތުތަކުގައި އެކުދިން ހިތްހަމަޖެހުމާއި ހިތްވަރު ހޯދީ ޤުރުއާނުންނެވެ.

ރަސްމިއްޔާތު ނިންމާލީ ޣައްޒާގެ ޝަހީދުންނަށާއި، އަނިޔާލިބުނު މީހުންނަށާއި، އަދި ހިސާރުކުރުން ނިމުމަކަށް އައުމަށް އެދި ކުރެވުނު ދުއާއަކުންނެވެ. އިންތިޒާމުކުރި ފަރާތްތަކުން ބުނީ، މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނީ މީހުންގެ ހިތްވަރު އާކޮށް، އީމާންތެރިކަން ވަރުގަދަކޮށް، ޣައްޒާގެ ރޫހާނީ ދިރުން ނައްތާނުލެވޭނެކަން ސާބިތުކޮށްދިނުމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެ، އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިވެފައެވެ. މިފަދަ ބޮޑު ހަލާކެއްގެ ތެރޭގައި، އަލް-ޝާޠީގައި ބޭއްވުނު މި ރަސްމިއްޔާތަކީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމާއި، އީމާންތެރިކަމުގެ ރަމްޒެކެވެ.