ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ ހުރިހާ އިމާމުންނާއި މުއައްޒިނުންނަކީ މީގެ ފަހުން ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މި ނިންމުމާއެކު، ސަރުކާރުގެ އެހެނިހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކާއި ފައިދާތަކެއް އެ ފަރާތްތަކަށް ވެސް ކަށަވަރުވެގެންދާނެއެވެ.
ޝާރްޖާގެ ވެރިޔާ، ސުޕްރީމް ކައުންސިލްގެ މެންބަރު ޝައިޚް ޑރ. ސުލްޠާން ބިން މުޙައްމަދު އަލް ޤާސިމީ ނެރުއްވި އަމުރުފުޅެއްގައިވަނީ، އެ އިމާރާތުގެ މިސްކިތްތަކުގެ ހުރިހާ އިމާމުންނާއި މުއައްޒިނުން ސަރުކާރުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލުކުރުމަށް އަންގަވާފައެވެ. މި ބަދަލަކީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު އޮނިގަނޑުގެ ދަށުން އިމާމުންނާއި މުއައްޒިނުންނަށް ވަޒީފާގެ ކުރިއެރުމާއި، ތަފާތު އެލަވަންސްތަކާއި، ސިއްހީ އިންޝުއަރެންސްގެ ޚިދުމަތް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ބާވަތުން ދެވޭ ޚާއްޞަ އެލަވަންސެއްގެ ގޮތުގައި 3,000 ދިރުހަމް ކޮންމެ މަހަކު ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އިތުރު އިނާޔަތްތަކަށް ބަލާއިރު، އިމާމުންނާއި މުއައްޒިނުންނަށް ލިބޭ އަހަރީ ޗުއްޓީ ބޭނުންނުކޮށް ހުރިނަމަ، އެ ޗުއްޓީއަށްވާ ފައިސާ ލިބޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝާރްޖާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއާ ގުޅިގެންނެވެ.
މި ތާރީޚީ ނިންމުމަކީ މާތްﷲގެ ގެކޮޅުތައް ބެލެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި އިމާމުންނާއި މުއައްޒިނުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ޝާރްޖާ ސަރުކާރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!