ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ މިންވަރު ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މީގެ ކުރިން އިނާޔަތް ދެމުން އައީ އެއް ކުއްޖަކު ހުރި ނަމަ މަހަކު 2،000 ރުފިޔާއެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ދެމުން އައީ 1،000 ރުފިޔާގެ އިނާޔަތެކެވެ.
މި އިނާޔަތަށް ބަދަލު ގެނައުމަށްޓަކައި އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު މިހާރު ވަނީ އިސްލާހުކޮށް ގެޒެޓްކޮށްފައެވެ. އާ އުސޫލުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.
ހަތަރު ކުދިންނަށްވުރެ ގިނަވާނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ލިބޭނީ 1,000 ރުފިޔާއެވެ. މި އުސޫލުގެ ދަށުން އެހީގެ ގޮތުގައި މަހަކު ލިބޭނެ އެންމެ މަތީ މިންވަރަކީ 15,000 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް 5,443 މީހުން މި އެލަވަންސް ހޯދުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
މި ބަދަލާއެކު އެ ފަރާތްތަކަށް ލިބޭ މާލީ އެހީތެރިކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!