ހޯރަފުށީގައި ބާއްވާ 'ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025' ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައިރު، މުބާރާތުގައި ބައިވެރިވާން ހަމަޖެހިފައިވާ ޓީމުތައް މިހާރު ވަނީ ފައިނަލްވެ ގުރުއަތުލުން ބާއްވާފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު، ހޯރަފުށިން ބޭރުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވަނީ ހއ. މޮޅަދޫގެ ޔަންގް ބްލަޑް، ހއ. ދިއްދޫގެ ބާރަލާ ސްޕޯޓްސް ކްލަބް އަދި ހއ. އިހަވަންދޫގެ އެންވީކޭ އެވެ. މިއީ، ދިއްދޫ އިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ހޯރަފުށިން ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވަނީ އެފްސީ ފްރިގޭޓަރ، 22 ސްޕޯޓްސް ކްލަބް އަދި ޓީމް ހިޔާ އެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 00:00 އެވެ.
ގުރުއަތުލުމުގެ ނަތީޖާއަށް ބަލާއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޔަންގް ބްލަޑް، 22 އެސްސީ، އަދި ބާރަލާ އެސްސީ އެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ޓީމް ހިޔާ، އެފްސީ ފްރިގޭޓަރ، އަދި އެންވީކޭ އެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ތާވަލު ތިރީގައި މިވަނީއެވެ:
މުބާރާތުގެ މެޗުތަކުގެ ތާވަލު
26 ޑިސެމްބަރު: 16:00 ޔަންގް ބްލަޑް ބައްދަލުކުރާނީ 22 އެސްސީ އާ. 17:00 ޓީމް ހިޔާ ބައްދަލުކުރާނީ އެފްސީ ފްރިގޭޓަރ އާ.
27 ޑިސެމްބަރު: 16:00 އެންވީކޭ ބައްދަލުކުރާނީ ޓީމް ހިޔާ އާ. 17:00 ބާރަލާ އެސްސީ ބައްދަލުކުރާނީ ޔަންގް ބްލަޑް އާ.
28 ޑިސެމްބަރު: 16:00 22 އެސްސީ ބައްދަލުކުރާނީ ބާރަލާ އެސްސީ އާ. 17:00 އެފްސީ ފްރިގޭޓަރ ބައްދަލުކުރާނީ އެންވީކޭ އާ.
29 ޑިސެމްބަރު (ސެމީފައިނަލް): 16:00 ގްރޫޕް އޭ ގެ އެއްވަނަ ބައްދަލުކުރާނީ ގްރޫޕް ބީ ގެ ދެވަނަ އާ. 17:00 ގްރޫޕް ބީ ގެ އެއްވަނަ ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެވަނަ އާ.
30 ޑިސެމްބަރު (ފައިނަލް): 20:30 ފައިނަލް މެޗު.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ހޯރަފުށީގެ 21 އަހަރުން ދަށުގެ ފުޓްސަލް ކުޅޭ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ވެސް މި މުބާރާތުން މަގުފަހިކޮށްދެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ބޭއްވި (2024) "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ އެންވީކޭ ޓީމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!