މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފައްދާފައިވާ 'ޕޭމަންޓް މޯލްޑިވްސް' ކުންފުންޏަށް ސީއީއޯއެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

Ad
rt

ޕޭމަންޓް މޯލްޑިވްސްއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ އީޖާދީ ޕޭމަންޓް ހިދުމަތެކެވެ. މީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މި މަޤާމަށް ހޮވޭ ސީއީއޯއަކީ މި ބޮޑު މަޝްރޫޢުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެކެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފައިނޭންސް، އިކޮނޮމިކްސް، އައިޓީ، ގާނޫނީ ދާއިރާ، ޕަބްލިކް ޕޮލިސީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ކޮންމެ ވެސް އެއް ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ޑިގްރީއެއް ހާސިލުކޮށްފައިވާންޖެހެ އެވެ. މިއީ މަޤާމުގެ ޢިލްމީ ފެންވަރު ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މުހިންމު ޝަރުތެކެވެ.

މީގެ އިތުރުން މަސައްކަތުގެ ތަޖުރިބާގެ ގޮތުން ބަލާއިރު، ޕޭމަންޓްސް، ފިންޓެކް، ބޭންކިން ނުވަތަ ރެގިއުލޭޓެޑް ފައިނޭންޝަލް ސާވިސްއެއްގެ ތެރެއިން ސީނިއާ ރޯލްތަކުގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާން ވާނެ އެވެ. އަދި، މަދުވެގެން ފަހެއް ނުވަތަ ހަތް އަހަރު ދުވަހު ކުންފުންޏެއްގެ މަތީ ފަންތީގެ މަގާމެއް (ސީއީއޯ، އެމްޑީ، ސީއޯއޯ، ސީއެފްއޯ) ފުރާފައިވުން ވެސް މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. މި މަގާމުގެ މުސާރަ ކަނޑައެޅުމުގައި ކެންޑިޑޭޓުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ރިއާޔަތްކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖެނުއަރީ 15 ވަނަ ދުވަހުގެ 15:00 އެވެ. ޝަރުތު ހަމަވާ ފަރާތްތަކުން އެ ވަގުތުގެ ކުރިން އެމްއެމްއޭއަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.