ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ރަޝީދުބެ) ނޮޅިވަރަމް ސުކޫލަށް 15 އޭސީ ހަދިޔާކޮށްފި އެވެ.
ނޮޅިވަރަމް ސުކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި، އެސްކޫލުގެ ހޯލާއި ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ރަޝީދުބެ 15 އޭސީ ހަދިޔާކޮށްފައިވާކަމަށެވެ.
މި އެހީތެރިކަމަށްޓަކައި ސްކޫލުން ވަނީ މެންބަރު ރަޝީދުބެއަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މީގެ ކުރިންވެސް ރަޝީދުބެވަނީ އެދާއިރާގެ ސްކޫލްތަކާއި ސިއްޙީ މަރުކަޒުތަކާއި ކްލަބް ޖަމިއްޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މެންބަރު ރަޝީދުބެ ވަނީ ދާއިރާގެ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ދާއިރާގެ ދެ ރަށް ކަމަށްވާ ނޮޅިވަރާމާއި، ނޮޅިވަރަންފަރުގެ ދެ ރަށުން ޤުރުއަތުން ހޮވޭ 4 މީހަކު އުމްރާއަށް ފޮނުވުމުގެ ވައުދު ހިމެނެއެވެ. މިކަމަށް ކުރިމަތިލުމަށް މިއަހަރު ހުޅުވާލެވުނެވެ.

އުމްރާގެ ވައުދުގެ އިތުރުން ދާއިރާގެ ދެ ރަށުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްދިނުމާއި، ދީނީ ދަރުސް ދިނުމާއި ދީނީ ރޫޙު އާލާވާނެ އެކިއެކި މުބާރާތްތައް ހިންގުމަށް ވަސީލަތް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ރަނގަޅު ފެންވަރުގެ ކުޅިވަރުކުޅޭ ތަންތަން ދެ ރަށުގައި ތަރައްޤީކޮށް އަތޮޅު ފެންވަރުގެ މުބާރާތްތައް ބާއްވައިދިނުމަކީ ވެސް ރަޝީދުބެގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެހެން ވައުދުތަކުގެ ތެރޭގައި އިސްލާމީ ފަރާތްތަކާއި ގުޅިގެން ޢަރަބި އިސްލާމް ތަޢުލީމު ފޯރުކޮށްދިނުމާއި، ސްކޫލްގެ ކްލާސްރޫމްތައް އޭސީކޮށް ކޭމްޕިންގް އޭރިއާ ތަރައްޤީކޮށް ދިނުމާއި، ލޯކަލް ޓޫރިޒަމާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި ދެ ރަށުގައި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ ޢިމާރާތް އަމިއްލަ ޚަރަދުގައި އަޅައިދީ ޚިދުމަތް ފަށައިދިނުމާއި، އޮޑި އެހެލުމާއި މަރާމާތުކުރުމަށް ރަނގަޅު ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ވައުދުވެސް ވަނީ ވެފައެވެ. މީގެ އިތުރުން، އާސަންދަ ކަވަރުނުވާ ކަންކަމުގައި އެހީތެރިވެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކުރާ ބަލިމީހާގެ އެހީތެރިންނަށް ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ދެ ރަށުގައި ޒުވާނުންގެ މަރުކަޒާއި އައުޓްޑޯ ޖިމް ޤާއިމުކޮށްދިނުމުގެ ވައުދުވެސް ރަޝީދުބެ ވަނީ ވެފައެވެ.
މެންބަރުކަމަށް އިންތިހާބުވުމުގެ ކުރިންވެސް ރަޝީދުބެއަކީ ނޮޅިވަރަމާއި ނޮޅިވަރަންފަރުގެ ރައްޔިތުންނަށް އެކިގޮތްތޮގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!