ރ. ދުވާފަރުގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ނިންމައި ރަސްމީކޮށް މިއަދު ހުޅުވާފައިވާއިރު، އިތުރު މުހިންމު މަޝްރޫޢުތަކެއް ފަށަން މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް، އައު މަޝްރޫޢުތައް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަންކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުތަކުގައެވެ.

Ad
rt

މި މަޝްރޫޢުތަކުގެ ޚުލާސާއަށް ބަލާއިރު،

ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުން

މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދުވާފަރުގެ ޞިއްޙީ މަރުކަޒު އައު އިމާރާތާއެކު ކުރިން ނުލިބޭ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.

ރައީސް މުޢިއްޒު މިއަދު ވަނީ އެ މަރުކަޒުން އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ލިބޭގޮތަށް އިންތިޒާމްކުރަށްވާނެކަމަށް ވިދާޅުވެފައެވެ.

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވުން

ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ދުވާފަރުގައި މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.

ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން

އެރަށުގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް

ވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެރަށު ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.

ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޢިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް، 25.5 މިލިއަން ރުފިޔާ އަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫޢުގެ ދަށުން އެޢިމާރާތުގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، އައިސީޔޫއާއި ނަރސް ސްޓޭޝަންއާއި، ޕްރޮސީޖަރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ.

ދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިމަޝްރޫޢުގެ ދަށުން 15.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 812 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 450 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެވެ.

މިއ،ީ 172.93 މިލިޔަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުން

ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

ދުވާފަރުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަވާލުކުރުން

ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރީ އެޗްޑީސީއާއެވެ.

ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ.

ދުވާފަރު މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުން

ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މިއަދު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާއި ހަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުން ހިމެނެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއ،ި ސަރވިސް ލައިން އެޅުމާއ،ި ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއ،ި ޕޭވްމަންޓެއް ހެދުމާއ،ި ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއ،ި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ދުވާފަރުގައި އިމާރާތްކުރާ ދަނާލުގެ އަމަލީ މަސައްކަތް ފެށުން

ދުވާފަރުގައި އިމާރާތް ކުރާ ދަނާލުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި ދަނާލުގެ އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ، މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން

ރ. ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އެރަށު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާއެވެ.

ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތް ފެށުން

ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ދުވާފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސިޕީ ރިޓަޔާރޑް އަހުމަދު ސައުދީ އާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ދުވާފަރު ކައުންސިލުގެ ރައީސް އެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރަން ހަވާލުކުރުން

ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ މިއަދު ވަނީ ޙަވާލުކޮށްފައެވެ.

ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ.

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަން ހަވާލުކުރުން

ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަދު ވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފައެވެ.

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.