އިއްޔެ އިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހްތިޖާޖުގެ ތެރެއިން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

''މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ'' ފުލުހުން ބުނެފަވެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޮޑުކަންނެލި މަސްވެރިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ ) އިން އިސްނަގައިގެން ފެށި މި އިހްތިޖާޖު ފެށީ އިއްޔެ ހެނދުނު 9:00 ގައެވެ. މި އިހްތިޖާޖުގައި ބޮޑުކަންނެލި މަސްވެރިންގެ ޝުޢޫރުތައް އަންނަނީ ފާޅުކުރަމުންނެވެ.

މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާކަމަށް ވެސް ވަނީ ބުނެފަވެއެވެ.

މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް ބީކޭޔޫއެމް އިން ވަނީ ބުނެފައެވެ.