ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ފޮނުއްވި މަތީ ފެންވަރުގެ ވިޔަފާރި ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ސާރާ އަލް-ސަޢީދެވެ.
މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސް ޙައްޖަށް ވަޑައިގެން ސަޢޫދީ ވަލީޢަހުދާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މި ބައްދަލުވުމަކީ މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު މުހިއްމު ދާއިރާތަކުގެ ތެރޭގައި އިންވެސްޓްމަންޓް، އިޤްތިޞާދީ ތަރައްޤީ، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުން، ދަނޑުވެރިކަން، މަސްވެރިކަން، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމުމަށް ވެދެއްވި އެހީތެރިކަމާއި، އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މަތީ ފެންވަރެއްގެ ވަފުދެއް ފޮނުއްވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަޢޫދީ ވަފުދުން ވަނީ ރާއްޖެއިން ދެއްވި ހޫނު މަރުޙަބާ އާއި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!