ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ކުރާ ސުވާލު ނުވަތަ ޚިޔާލު ކުރިން ހުށަހަޅަންޖެހޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުންތަކުގައި، ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެކެވެ. ސަރުކާރުގެ ފަރާތުން މިފަދަ އެއްވެސް އުޞޫލެއް ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސް ތަރުޖަމާނު އިތުރަށް ވިދާޅުވީ، މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސް ވަނީ ދެއްވާފައެވެ.
"އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ." ހީނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ކުރިއަށް ހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ މި އުޞޫލުންނެވެ. އެހެންކަމުން، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ޚިޔާލާއި ސުވާލުތައް އެއްވެސް ހުރަހެއްނެތި ހުށަހެޅުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމަށް ސަރުކާރުން ވަނީ ޔަޤީންކަން ދެއްވާފައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ…
— Heena Waleed (@MvSpokesperson) November 28, 2025
ރައީސް މުޢިއްޒު ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު މިހާރު ދަނީ މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރަށްވަމުންނެވެ. މިގޮތުން ވިލިމާލެ އާއި މައްޗޮނގޮޅީގެ ރައްޔިތުންނާ މިހާރު ވަނީ ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!