ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ.

މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ.

Ad
rt

އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯރޓްގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކުރަށްވައި، އޭނާގެ ވިސްނުން ހިއްސާކުރައްވަމުން ފިރާގު ވިދާޅުވީ، އާ އެއާޕޯޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދައިން ނުހިނގާނެ ކަމަށާއި، އެތަންތަނަށް ބޭނުންވަނީ ތަފާތު ގޮތެއް ކަމަށެވެ. އެތަންތަން ކުރިއަށް ގެންދިއުމަށް ސިނާޢަތުގެ ބައިވެރިންނާއި، ސަރުކާރާއި، މުހިންމު ސްޓޭކްހޯލްޑަރުންނާ އެކު އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކާމިޔާބީ ބިނާވެފައި އޮންނާނީ ޖަމާޢަތުގެ މަސައްކަތާއި، ހިއްސާކުރެވޭ ޒިންމާއާއި، އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ފިރާގު ފާހަގަކުރެއްވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި، ގަން، ހަނިމާދޫ، އަދި މާފަރުގައި ރޫމް ކެޕޭސިޓީ ފުރިހަމަ ކުރެވޭ އިތުބާރު ހުރި ޗާޓަރ ޓުއާ އޮޕަރޭޓަރުންނަށް ބޭނުންވެއެވެ. އަހަރުތަކެއް ވަންދެން ކުރެވުނު ދިރާސާތަކަށްފަހު ސާފުވާ ގޮތުގައި، ކުރިއަށް ދިއުމަށް އޮތް މަގަކީ ފުރަތަމަ ރިސްކް ނަގަން ތައްޔާރަށް ތިބި އޮޕަރޭޓަރުންނަށް ޑިސްކައުންޓް ޕެކޭޖްތައް ހުށަހެޅުމެވެ. މި ޗާޓަރު ޕާޓްނަރުންނަށް އާ މާކެޓްތައް ހުޅުވައި، އުތުރާއި ދެކުނު ސަރަހައްދުތަކަށް ފަސިންޖަރުންނަށް ފަސޭހައިން ދަތުރު ކުރުމަށް އެހީތެރިވެދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މޮޑެލް ވާންޖެހޭނީ ފްލައިޓްތަކާއި، އެކޮމޮޑޭޝަންތަކާއި، ގްރައުންޑް ސާވިސްތަކާއި، ޑެސްޓިނޭޝަން މާކެޓިންގ އެއްކޮށްލައިގެންވާ ފުރިހަމަ، އިންޓަގްރޭޓެޑް ސޮލިއުޝަނަކަށް ކަމަށް ފިރާގު ވިދާޅުވިއެވެ. އޮޕަރޭޝަންތައް ދެމެހެއްޓުމަށް ބޭނުންވާ އަގުތަކާއެކު ކުރިއެރުން އުފެދިގެންދާނީ ހަމައެކަނި ރަނގަޅު ޕެކޭޖުތަކެއް އުފައްދައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝެޑިއުލް އެއާލައިންތައް އައުމަށް އަދި ވަގުތު ނަގާނެ ކަމަށާއި، ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ރާއްޖޭގެ އެކި ޒޯންތަކަށް އަންނަ ފަސިންޖަރުން ޕްރޮފައިލްކޮށް ހެދުމަކީ އެއާލައިންތަކަށް ވާނެ ކަމެއް ނޫން ކަމަށް ފިރާގު ވިދާޅުވިއެވެ. ގެރެންޓީ ޑިމާންޑެއް ނެތި ޝެޑިއަލް އެއާލައިންތަކުން އުދުހެން ފަސްޖެހޭނެތީ، އެފަދަ ފަތުރުވެރިން ވަކި އެއާޕޯޓަކަށް ގެނައުމަށް މަސައްކަތް ކުރުވުމަކީ އިންތިހާއަށް އުނދަގޫ ކަމެއްކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

މިކަން ކޮންމެހެން ކުރަންޖެހޭ ސަބަބަކީ މިއީ ކަމަށާއި، ހުރިހާ ފަރާތްތަކަކުން ކޯޑިނޭޓްކޮށްގެން ޤައުމީ މަސައްކަތެއްގެ ގޮތުގައި މިކަން ކުރަންޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި، ލޯކަލް ކައުންސިލްތަކާއި، އެއާޕޯޓް އޮޕަރޭޓަރުންނާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެން މި ސަރަހައްދުތައް ކުރިއެރުވުމާއި، ޑިމާންޑް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ އެއާޕޯޓް ޒޯނަކީ އެއާލައިންތައް ކުރިއަށް އޮތްތަނުގައި ޝައުގުވެރިކުރެވޭނެ މަންޒިލަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.