ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން އިއްޔެވަނީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުކުގެ ގޮތުން ހިރިޔާ ސްކޫލްގައާއި، ތާޖުއްދީން ސްކޫލްގައި ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. އެ ހަރަކާތްތަކުގައި މާލޭގެ ސްކޫލުތަކުން ވަނީ ބައިވެރި ވެފައެވެ.

Ad
rt

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުސް ފާހަގަ ކުރުމުގެ ހަރަކާތްތައް އިއްޔެ ފެށީ ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ޢީދުގެ ފެށުމުގެ ރަސްމިއްޔާތުންނެވެ.

އެ އެކަޑަމީއިން ވަނީ އަދަބީ ޢީދު ހަރަކާތް ތަކުގެ ތެރެއިން ފޮތް މައުރަޒަކާއި، މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު އަދަބީ ހަރަކާތްތަކާއި، ސްކޫލްތަކުގެ މެދުގައި ބޭއްވި ޖާފަތް މުބާރާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދަބީ ޢީދު ހަރަކާތް ތަކުގެ ތެރެއިން އިއްޔެ ބޭއްވި ފޮތް މައުރަޒު ކުރިއަށްް ގެންގޮސްފައިވަނީ ތާޖުއްދީން ސްކޫލްގައެވެ. އެ ފޮތް މައުރަޒުން ދިވެހި އަދީބުންގެ ގިނަ އަދަދެއްގެ ފޮތްތަކެއް ހެޔޮ އަގުގައި ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ. އެ ފޮތް މައުރަޒުގައި ހުރި ފޮތް ތަކުގެ ތެރޭގައި ދިވެހި ތާރީޚީ ފޮތްތަކާއި، ދިވެހި ބަސް އުނގަންނައި ދިނުމަށް ލިޔެފައިހުރި ފޮތްތަކާއި، ޅެން ފޮތް ތަކާއި، މައުލޫމާތާއި އަދި މަޒުމޫނު ފޮތްތައް ފަދަ ފޮތްތައް ހިމެނެއެވެ.

އަދަބީ ޢީދު ހަރަކާތް ތަކުގެ ތެރެއިން ބޭއްވި ޖާފަތް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހިރިޔާ ސްކޫލްގައެވެ. އެ ޖާފަތް މުބާރާތުގައިވަނީ ގިނަ ބާވަތް ތަކުގެ ދިވެހި ކެއުންތައް ދައްކާލާފައެވެ.

އެ ހަރަކާތުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބޭއްވި ބަހުގެ މުބާރާތް ތަކުގެ ތެރޭގައި ރައިވަރު ކިޔުމުގެ މުބާރާތާއި، ނޫސް ސިންތާއާއި، ފާރު ނޫސް ލިޔުމުގެ މުބާރާތާއި، އަތުލިޔުމުގެ މުބާރާތާއި، އައު ލަފުޒު ހެދުމުގެ މުބާރާތާއި އަދި ޕުރިޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތް ހިމެނެއެވެ.

ދިވެހި ބަހުގެ އެކަޑަމީން އިއްޔެ ކުރިއަަށް ގެންދެވި އަދަބީ އީދުގެ މުބާރާތްތަކާއި، ހަރަކާތްތައް އަމަލީ ގޮތުން ބައްލަވާ ލެއްވުމަށް ފަހު ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވީ ‏މާދަރީބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހި ބަހުގެ އެކަޑަމީން ކުރިއަށްގެންދިޔަ އަދަބީ ޢީދުގެ ހަރަކާތްތަކުގައި ފެނިގެންދިޔައީ އަދަބީ ރޮނގުން ހުނަރުވެރި ދަރިވަރުންތަކެއްކަމަށާއި، އެއީ އުފާވެރި، އުއްމީދީ މަންޒަރެއްކަމަށެވެ.

އަދަބީ ޢީދުގެ ޖާފަތް މުބާރާތަށް އިޝާރާތް ކުރައްވައި ‏މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެޖާފަތުގައި ހުރި ދިވެހި ކާނާގެ ބާވަތްތަކަކީ އަޅުގަނޑުމެންގެ މާނަވީ ތަރިކަކަމަށެވެ.

އެ ފަދަ ދިވެހި ކާނާ ތައްޔާރުކުރުމުގެ ހުނަރުތަކަކީ ވެސް އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭ ހުނަރުތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ‏މާދަރީބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހި ބަހުގެ އެކަޑަމީން ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ޖާފަތް މުބާރާތުގައި ފެނިގެން ދިޔައީ ދިވެހިންގެ ސުފުރާގެ މުއްސަނދިކަން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ބައިނަލް އަގުވާމީ މާދަރީ ބަހުގެ ދުވަސް ދުނިޔޭގެ ކަންކޮޅު ތަކުގައި ފާހަގަ ކުރާތާ 20 އަހަރު މިއަހަރަށް ހަމަވިއިރު، މި އަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" މިއެވެ.