ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެންމެ ގިނަ މީހުންނާއެކު ބޭއްވި ޖަލްސާކަމަށް 18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، ޕީއެންސީ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ''ދިވެހިންގެ ރާއްޖެ ޖަލްސާ'' ނަމުގައި ބޭއްވި ބޮޑު ޖަލްސާގެ ފޮޓޯތަކެއް ހިމަނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނިހާނު ވިދާޅުވެފައިވާ ގޮތުގައި ޕީއެންސީން ރޭގައި ބޭއްވި ޖަލްސާއަކީ ރާއްޖޭގައި މަލްޓިޕާޓީ ތަޢާރުފު ކުރެވުނު ފަހުން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ޕީއެންސީ އިން މިބޭއްވި ވަރުގެ މީހުން ގިނަ ޖަލްސާއެއް އެއްވެސް ސިޔާސީ ޕާޓީ އަކަށް މިހާތަނަށް ބޭއްވިފައެއްނުވެއެވެ.
ނިހާނުގެ ޕޯސްޓުގައި ވަނީ މި ޖަލްސާ އިންތިޒާމު ކުރެއްވުމުގެ މޭސްތިރިންކަމަށް ވާ ޕީއެންސީގެ ރައީސް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ޕީއެންސީގެ ޕީޖީ ލީޑަރ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ފަލާހަށް ތަހްނިޔާ ދަންނަވާފައެވެ.
''މި މަސައްކަތުގެ މޭސްތިރިން ކަމުގައިވާ ޕީއެންސީ ގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު އަދި ޕީއެންސީގެ ލީޑަރޝިޕަށް ވަރަށް މަރުހަބާ އާއި ތަހްނިޔާ އަރިސްކުރަން. ޚާއްޞަ ކޮށް ޕީއެންސީ ގެ ޕީޖީ ލީޑަރޝިޕް އަދި ޕީޖީ ލީޑަރ އިބްރާހީމް ފަލާހްގެ ރޭވުންތެރިކަމާއި، ހިންގުންތެރިކަމަށް އައްސަރިބަހާއި ސާބަސް ހައްޤު'' ނިހާން ވިދާޅުވެފަވެއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެން ގޮތުގައި އެ ޖަލްސާގައި 13،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
މި ޖަލްސާ ބޭއްވުނު ވަގުތު މުޅި އާޓިފިޝަލް ބީޗު ސަރަހައްދާއި، އާޓި ފިޝަލް ބީޗާއި ގުޅިފައިވާ ބައެއް މަގުތައް ވެސް އޮތީ ފުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!