މިޒަމާނަކީ ހައްދެއް ނެތް މިންވަރަށް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ފަހިވެ ގިނަވެފައިވާ ޒަމާނެކެވެ. ސިޓިންރޫމުގައި އިނދެ އަތުގައި އޮންނަ ފޯނުން ނުވަތަ ޓީވީ ސްކްރީނެއްގެ އަލިކަމުން ކޮންމެ ފަދަ ހިޔާލީ ދުނިޔެއަކަށް މިނެޓެއްގެ ތެރޭގައި ދަތުރުކޮށްލެވޭނެއެވެ. ނެޓްފްލިކްސް އާއި ފިލްމު ސްޓްރީމިން އެޕްތަކުގެ އެހީގައި ޝައުގުވެރިވާ ހިޔާލެއްގެ ފިލުމެއް ވަގުތުން ހިޔާރުކޮށްލެވެއެވެ.

އެގޮތުން، އެންމެ މަގުބޫލު އަދި ގިނަބަޔަކު ބަލާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބިރުވެރި ނުވަތަ ހޮރޯ އަދި ސުޕަރނެޗުރަލް ތުރިލަރ ފިލްމުތަކަކީ ބިރުވެރިކަމާއި، ސިހުންގެނުވާ ގައިން ހީބިހިނަގާ ފަދަ އިހުސާސްތައް އުފެއްދުމަށް ތައްޔާރުކުރެވިފައިވާ އުފެއްދުންތަކެކެވެ. މިފަދަ ފިލުމުތައް ބެލުމަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު އަދި ވަރަށް އާދައިގެ ކަމެއްކަމުގައި ޒަމާނުންސުރެއް ކުރަމުން އަންނަ ކަންކަމެވެ.

Ad
rt

ނަމަވެސް، މިފަދަ ފިލުމުތައް ބެލުމާއިމެދު ދެވަނަ ވިސްނުމަކުން ވިސްނާލުމަކީ ރަނގަޅު ކަމެކެވެ. ސަބަބުތައް ބައިވަރެވެ. ހޮރޯ ފިލްމުތަކުން، ޚާއްޞަކޮށް ބުލެކް މެޖިކް ނުވަތަ ސިޙުރުގެ މަންޒަރުތައް ހިމެނޭ ފިލްމުތަކުން ދުރުހެލިވާން ޖެހޭ ވަރަށް ބޮޑެތި ރޫޙާނީ އަދި ނަފްސާނީ ނޭދެވޭ ސަބަބުތަކެއް ވެއެވެ. ޓިކޮޓޮކް ފަދަ މީސްމީޑިއާގެ މަންސަތަކުގައި މިފަދަ މަޢުލޫތަކަށް ބޭރުގެ ބައެއް ޝައިޙުންނާއި ބައެއް ފަރާތްތަކުން ތައްޔާރުކޮށްފައިވާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން ވައިރަލް ވަމުން އާދެއެވެ. އެއްކުރެވިފައިވާ ބައެއް މަޢުލޫމާތުތަކުގެ އަލީގައި ސިޙުރު ހަދާ މަންޒަރުތައް ހިމެނޭހެން ބިރުވެރި ފިލުމުތައް ނުބަލަންވީ ގިނަ ސަބަބުތަކެއް ހިއްސާކޮށްލާނަމެވެ.

ސިޙުރަކީ އިސްލާމްދީނުގައި ހަރުކަށިކަމާއެކު މަނާކުރައްވާފައިވާ ކުފުރުގެ އަމަލެކެވެ. ޤުރުއާނުގައި އެކަން ސިފަކުރައްވާފައިވަނީ ބޮޑު ނުބައިކަމެއްގެ ގޮތުގައެވެ. ސިޙުރުގެ ޢަމަލުތަކާ ދުރުހެލިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. ފިލްމެއްގެ ސިފައިގައި ނަމަވެސް ސިޙުރު ދައްކުވައިދޭ ކަންކަމާ ގުޅުން ހުރި ކޮންމެ ކަމަކީ، ދީނީ ގޮތުން އެކަމާ ދުރުހެލިވުމަށް ނަސޭހަތްތެރިވާ ކަމެކެވެ.

ބިރުވެރި ފިލްމުތަކުގައި ސިޙުރު ހެދުމުގެ އަމަލުތަކާއި، ލަފުޒުތަކާއި، ޖިންނި ވަނުމުގެ މަންޒަރުތައް ވަރަށް ތަފްޞީލުކޮށް ދައްކާއިރު، އެއީ ހަމައެކަނި މުނިފޫހިފިލުވުމަށް ދައްކާ ހިޔާލުތަކެއް ނޫނެވެ. އެކަން ގިނަ ފަހަރަށް ބިނާވެފައިވަނީ، ނުވަތަ ބޮޑުކޮށްފައިވަނީ، ޙަޤީޤީ އަދި މަނާކުރެވިފައިވާ ޢަމަލުތަކެއްގެ މައްޗަށެވެ. އެފަދަ ފިލްމުތައް ބެލުމުން، މުސްލިމަކު އަމިއްލަ އިޚްތިޔާރުގައި އެމީހެއްގެ ހިތާއި ނަފްސަށް އެފަދަ ނިޝާންތަކާއި، ސޫރަ ތަކާއި ވަސްވާސްތައް ގެނެސްދެއެވެ.

ސިޙުރުގެ ޢަމަލުތައް ދެކި، އެކަމަށް ހިތްޖެހި، ނުވަތަ އެކަމަށް ޝައުޤުވެރިވުމަކީ ދީނުގެ އަސާސްތަކާ ޚިލާފު ކަމެކެވެ. ސިޙުރު ނުވަތަ އެފަދަ ނޭދެވޭ ރޫޙާނީ ކަންކަން ރީތިކޮށް ނުވަތަ ބާރުގަދަ އެއްޗެއްގެ ގޮތުގައި ދައްކުވައިދޭ ފިލްމުތަކަކީ، ބައެއް ފަހަރު ނޭދެވޭ ޢަމަލުތަކަށް ހިތްވަރުދޭ ކަމެއް ކަމަށް ބެލެވޭތީއެވެ. މިފަދަ މަންޒަރުތަކުންނާއި އަޑުތަކުން މީހުންނަށް ނުބައި މަގުން ދިއުމަށް މަގުފަހިވެ، އެމީހުންގެ ވިސްނުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. ފިލްމުތަކުގައި ދައްކުވައިދޭ ކަންކަމަކީ ހަމައެކަނި ތަމްސީލެއް ކަމުގައި ވިޔަސް، އެކަންކަމުގެ އަސަރު ފިކުރާއި ބުއްދިއަށް ކުރުމުގެ ފުރުޞަތު ބޮޑެވެ.

ބިރުވެރި ފިލްމުތައް ބެލުމަކީ ބައެއް ފަރާތްތަކަށް މަޖަލެއް ނުވަތަ ހިތްހަމަޖެހުމެއް ގެނެސްދޭ ކަމަކަށް ވިޔަސް، ސިޙުރުގެ ބާރުގަދަ މަންޒަރުތައް ހިމެނޭ ފިލްމުތަކަކީ، ބައެއް މީހުންގެ ނިދުމަށާއި، ހިތްހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ އެއްޗެކެވެ. ބިރުވެރި ފިލްމުތަކަކީ، އެތަކެތި އުފައްދާފައިވާ ގޮތުން، ނަފްސާނީ ގޮތުން ގެއްލުންދެނިވި ތަކެއްޗެވެ. އެތަކެތި ތައްޔާރުކުރެވިފައިވާ މައިގަނޑު މަޤްޞަދަކީ ބެލުންތެރިޔާގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ. މިއީ އީމާންކަމުން ލިބިދޭންޖެހޭ ހިތްހަމަޖެހުމާ ޚިލާފު ޙާލަތެކެވެ.

އެއާއިއެކު، ހިތްނުތަނަވަސްކުރާ ފަދަ މަންޒަރުތައް ސްކްރީން ނިއްވާލުމަށް ފަހު ވެސް ސިކުނޑީގައި ދެމިހުރެ، ނުބައި ހުވަފެންތަކާއި، އަނދިރީގައި ނުވަތަ އެކަނި ހުންނަން ޖެހުމުން ބިރުގަތުން ފަދަ އިހުސާސްތައް އުފައްދައެވެ. ޑިޕްރެޝަނާއި އެންޒައިޓީފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވުމަށް މަގުފަހިކުރުވައެވެ. ތަކުރާރުކޮށް އަނިޔާ އާއި ނުބައި މަންޒަރުތައް ތަކުރާރުކޮށް ބަލާނަމަ ހިތް ހަރުވެ، ޙަޤީޤީ ދުނިޔޭގެ ތަކުލީފުތަކަށް އިހުސާސްކުރާ މިންވަރު ކުޑަވެގެންދެއެވެ.

އިސްލާމްދީނުގައި ބާރުއަޅުއްވަނީ ހެޔޮ، ޠާހިރު، އަދި ފައިދާހުރި ކަންކަމަށެވެ. ނަފްސާނީ ގޮތުން ގެއްލުންވެ ހާނިއްކަވާ މަންޒަރުތައް ބަލަން އަމިއްލައަށް އިޚްތިޔާރުކުރުމަކީ، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ބާވަތެކެވެ. އެއީ އިސްލާމީ އަޚްލާޤީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. އެ އުޞޫލުތަކުގައި އަމިއްލަ ސިއްޙަތާއި ސަލާމަތްކަން ރައްކާތެރިކުރުމަށް އަންގަވައެވެ.

ޝައިތާނީ ބާރުތަކަކީ ނުހަނު ބާރުގަދަ ބާރުތަކެއް ކަމަށާއި، ސިހުރަކީ ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި، އަދި އެކަމުން އިލާހީ ރައްކާތެރިކަމެއް ނުލިބޭ ކަމުގެ ވާހަކަތައް ގިނައިން ފެނުމަކީ، ﷲގެ ކުޅަދުންވަންތަކަމާ މެދު އޮންނަ އިހުސާސް ބަދަލުކޮށްލާނެ ކަމެކެވެ. ކާފަރުންނާއި ދީނެއް ގަބޫލު ނުކުރާ މީހުން އުފައްދާ ފިލުމުތައް ކުޅެފައިވަނީ މިފަދަ މެސެޖުތައް މީހުންގެ ބޮލަށް ވެއްދުމަަށެވެ. ޝައްކު އުފެއްދުމަށެވެ. އެއީ، އީމާންތެރިކަން ބަލިކަށި ކުރުމަށް ރޭވިގެން ކުޅެފައި ހުންނަ ފިލުމުތަކެވެ. ފިލުމު ނޫނަސް ލަވަތަކާއި މިފަދަ ޓިކްޓޮކް ވީޑިއޯތައްވެސް އެހާމެ ގިނައެވެ. އެއީ ރޭވިގެން ހިނގާ ބޮޑު ޕްރޮޕަގެނޑާ އެކެވެ.

ޝައިޠާނީ ވިސްނުންތަކަށް ތަޢުރީފުކޮށްފައި ހުންނަ މަންޒަރުތަކާއި ނުބައި ބާރުތައް ހިމެނޭ މަންޒަރުތައް ބަލައިގެން ހިތްހަމަޖެހުން ހޯދާނަމަ، ނޭދެވޭ ރޫޙާނީ ނަތީޖާއެއް އެކަމުން ނިކުމެދާނެކަމަށް ފަހުގެ އިސްލާމީ ޢިލްމުވެރިން އިންޒާރު ދެއްވާފައިވެއެވެ. ޝައިޠާނީ ގޮވެލި ފައްޗާއި ސިހުރުގެ ބަނދިވަރު އަހަރުމެންގެ ސިޓިން ރޫމުތަކުގައި ހުންނަ ޓީވީއިން އަޑު ހަރުކޮށް އިއްވުމަކީ ގޭތެރޭގެ އަމާންކަން ނަގާލުމަށް ދެވޭ ދަޢުވަތެކެވެ.

ފަހަކަށް އައިސް ބިރުވެރި ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާ ފިލުމުތައް ގިނަވެއްޖެ އެވެ. މި ފިލްމުތަކުގައި ސިޙުރުގެ މަޢުޟޫޢުތަކާއި، ރޫޙާނީ ކަންކަން ވަރަށް ބޮޑަށް ދައްކުވައިދީފައިވެއެވެ. ފިލްމު ބައެއް ބައިތަކުގައި ޙަޤީޤީ ސިޙުރުގެ ލަފުޒުތައް ހިމެނޭކަމަށް ބުނެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިފަދަ ލަފުޒުތަކާއި ޢަމަލުތައް ސްކްރީނުން ފެނުމާއި އަޑު އިވުމަކީ، ބެލުންތެރިންގެ މައްޗަށް އެކަމުގެ ނޭދެވޭ އަސަރު ފޯރުވުމުގެ ފުރުޞަތު އޮތް ކަމެކެވެ. މީގެ އިތުރުން، މި ފިލްމުގައި ބެލުންތެރިންގެ ސަބްކޮންޝަސް މައިންޑަށް އަސަރުކުރާ ސިއްރު މެސެޖްތައް ހިމެނޭކަމަށް ވެސް ވާހަކަ ދެކެވެއެވެ. މިފަދަ ސިއްރު މެސެޖްތަކަކީ މީހާގެ ވިސްނުމާއި އިޙްސާސްތަކަށް ނޭނގި އަސަރުކުރާ އެއްޗެހި ކަމަށް ވާތީ، މިފަދަ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު، ސިޙުރާއި އެފަދަ ކަންކަމާ ގުޅުން ބަދަހިވުމަކީ އީމާންތެރިކަން ދަށްކޮށްލާ ކަމެކެވެ. ސިޙުރުގެ މަންޒަރުތައް ގިނައިން ބެލުމަކީ، ދީނީ އަޤީދާއަށް ނޭނގި ނަމަވެސް ގެއްލުން ވެދާނެ ކަމެކެވެ. އީމާންކަން ބަލިކަށިވާކަންކަމާއި ދުރުވުމަށް ބިރުވެރި ފިލްމުތަކާއި ސިހުރުގެ މަންޒަރުތައް ހިމެނޭ ފިލުމުތައް ނުބަލައި ދޫކޮށްލުމަށް މިއަދުން ފެށިގެން އަޒުމު ކަނޑައަޅަމާ ހިނގާށެވެ.