ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ބާއްވާ "ހެލްތު އެކްސްޕޯ 2025" މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad
rt

"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޞިއްޙީ އާދަތަކާއި، އެކަމާގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ރަނގަޅުކުރުމަށް ކުރިއަށްގެންދެވޭ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

މި އެކްސްޕޯގައި މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ 5 ރީޖަނަލް ހޮސްޕިޓަލަކާއެކު 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. މި ސްޓޯލްތަކުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތާއި، ތަޢުލީމީ ފުރުޞަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގްއާއި ބަލިތަކާގުޅޭ އިރުޝާދުތަކުގެ އިތުރުން ހެލިފެލިވެ އުޅުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އެކްސްޕޯގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޚާއްސަ ހަވީރެއް އޮންނާނެއެވެ. މި ހަވީރުގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު އަދި ވެކްސިން ފަދަ ޞިއްޙީ މައުލޫމާތު ހިމެނޭނެއެވެ. މީގެއިތުރުން، ބިދޭސިންނަށް ޚާއްސަ ސިއްޙީ މައުލޫމާތާއި ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ކެއުން ބުއިމުގެ އާދަތަކާގުޅޭ މައުލޫމާތު ހިމެނޭ ހެލްތީ ފުޑް ސްޓޯލްތައްވެސް މި އެކްސްޕޯގައި ހުންނާނެއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 13، 15 އަދި 16 ވަނަ ދުވަހުއެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާފައެވެ.