އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ނައްތާލައިފި އެވެ.

ނައްތާލި ތަކެތީގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައެވެ.

Ad
rt

މި ކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތަކެތި ނައްތާލުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ބަނގުރާތަކަކީ މި އަހަރުގެ މެއި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ހިފެހެއްޓި ތަކެއްޗެވެ. މި ތަކެތި ހިފަހައްޓާފައިވަނީ ކުޅުދުއްފުށި ސިޓީ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީންނެވެ. އެއާޕޯޓް ސެކިއުރިޓީގެ އުސޫލުތަކާ ޚިލާފަށް ގެންދަން އުޅުނު މި ތަކެތި ހިފެހެއްޓުމަށްފަހު ވަނީ އިތުރު ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފުލުހުންނާ ހަވާލުކޮށްފައެވެ.

ބަނގުރާ ނައްތާލުމުގެ މި ޢަމަލު ކުރިއަށް ގެންދިޔުމުގައި ޢަމަލުކޮށްފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ. މިގޮތަށް ޤަވާއިދާ އެއްގޮތަށް ތަކެތި ނައްތާލުމަކީ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގެ މުހިންމު ބައެކެވެ.