މާލޭގެ ބޯހިޔާވަހިކަމުގެ ދިގުދެމިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރަސްމާލެއިން ހިއްކާ ބިމުގެ ފުރަތަމަ ބުރުގައި، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުން 15,000 ގޯތި ދިނުމަށްޓަކައި އެޕްލިކޭޝަން ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ގޯތިތައް ދޭނީ ވެފައިވާ ވަޢުދުފުޅާ އެއްގޮތަށް މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ފަރާތްތަކަށާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް ޖުމްލަކޮށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި، މާލޭގެ ކުދިކުދި ގޯޅިތަކުގައި ހުރި ގެތައް ހެދުމަށް ބޭންކުން ލޯނު ނުނެގޭ ފަރާތްތަކަށް ވެސް މި ގޯތިތައް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމަށް ވެފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި، އެކަނިވެރި މައިންނާއި ބަފައިން، މައިމުސަޅުވެފައިވާ ފަރާތްތަކާއި، ޒުވާނުން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުން، އަދި އެކިއެކި މުއައްސަސާތަކާއި ޖުޑިޝަރީއާއި ގުޅުންހުރި ފަރާތްތައް ހިމެނޭ ކަމަށެވެ.
''އަޅުގަނޑުމެން މި ހުޅުވާލަނީ، މި ބިން ހިއްކުން ނިމެންވާއިރަށް، މި ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމަން. އެހެންވީމާ، ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް، މާލޭ ސަރަހައްދުން ދެވޭނެ ގޯތިތައް ދީ ނިންމަން.'' ރައީސް ވިދާޅުވެފަވެއެވެ.
މި ހުރިހާ ފަރާތްތަކަށް ވެސް އެކި އަދަދުތަކުން މި ގޯތިތަކަށް ކުރިމަތިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބިން ހިއްކުން ނިމެންވާއިރަށް ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމައި، މާލޭ ސަރަހައްދުން ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް ގޯތި ދީ ނިންމާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!