މިއަހަރު ތެރޭގައި ރާއްޖޭގެ އެކިކަކޮޅުތަކުގައި ފަސް ސަތޭކައަށްވުރެ ގިނަ މަޝްރޫޢު ހިންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މިހެން ވިދާޅުވީ، އެމްޑީޕީގެ ލޯކަލް ލައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ކަމަށެވެ. އަދި ވެރިކަމަށް އައުމަށް އެމްޑީޕީން އެންމެ ބޮޑަށް ވީ ވައުދަކީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް ލިބިދޭން ޖެހޭ ބާރުތައް ދޫކޮށްލުން ކަމަށާއި މިއަދު އެ ވައުދު ފުރިހަމަ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް އިޞްލާހު ގެނެސް ޤާނޫނީގޮތުންނާއި މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކޮށް، ކައުންސިލްތަކގެ ދައުރު ފަސްއަހަރަށް ކަށަވަރުކޮށްދީފައިވާކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގެކުރިން ވިސްނަންޖެހޭ ގިނަކަންތައްތަކެއް ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަހަރު ތެރޭގައި 500 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މަރުކަޒީކޮށްގެން މިހާ ގިން މަޝްރޫޢު ހިންގުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި، މި މަޝްރޫޢުތައް ކާމިޔާބުކުރެވޭނީ ލާމަރުކަޒީކޮށް މަޝްރޫޢުތައް ހިންގޭނެ ބަޔަކު ކައުންސިލްތަކަށް ހޮވައިގެންކަމަށެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުވެފައި އޮތީ 40 ރަށުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވައުދުވި ގޮތަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދޭނެ ކަމަށެވެ.