ސީޕްލޭން އޮޕަރޭޝަންތައް ފަށަން ހުޅުލެއިން ޖާގަ ހޯދަން 2013 އިން ފެށިގެން ވިލާ އެއާއިން ރަސްމީކޮށް އެދުނު އެދުންތަކަށް ޖަވާބެއް ނުދީ އޮތްކަމަށް އިއްޔެ މީޑިއާއަށް ވިލާ އެއާއިން ތިލަކުރުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ، އެ އޮޕަރޭޝަނަށް ވިލާ އެއާ ތައްޔާރުވެ އާދޭސް ދަންނަވަމުން ދަނިކޮށް މާފަހުން އައި ކުންފުންޏަކަށް އެފުރުޞަތު ފަހިކޮށްދީފައި އޮތުމެވެ.

ހުޅުލެއިން ޖާގަ ހޯދަން އެމްއޭސީއެލަށް މީގެ ހަތް އަހަރު ކުރިން ފެށިގެން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ވިލާއެއާއަށް ދީފައެއް ނުވެއެވެ. ނަމަވެސް އޭގެ މާ ފަހުން ފެށި މަންޓާ އެއާއަށް ޖާގަ ދީފައިވުމީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

Ad
rt

ވިލާ އެއާއިން ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ފެށީ 2011 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން ފެބްރުއަރީ 14، 2013 ގައި، ސީޕްލޭންގެ އޮޕަރޭޝަން ކުރިއަށް ގެންދަން ހުޅުލެއިން ޖާގަ ހޯދަން އެދި އެމްއޭސީއެލަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގައި އެދިފައި އޮތީ، ހުޅުލޭގެ އިރުމަތީ ފަރާތުން މޫދާ ކައިރިން 4،500 އަކަމީޓަރުގެ ޖާގައެއް، ސީޕްލޭން ދުއްވާ އެހެން އޮޕަރޭޓަރުންނަށް ވެސް ދީފައިވާ އަގުގައި ފޯރުކޮށްދިނުމަށެވެ.

މިއަދާއި ހަމައަށްވެސް އެސިޓީއެއް އެއްވެސް ޖަވާބެއް ވިލާ އެއާއަށް ލިބިފައި ނުވާކަމަށް ވެއެވެ.

ވިލާ އެއާއިން ސީޕްލޭން އޮޕަރޭޓް ކުރުކަށް ހުޅުލެއިން ޖާގަ ހޯދަން ފުރަތަމަ އެދުނު ދުވަސްވަރު ޓީއެމްއޭގެ އިތުރުން އެއާ ޓެކްސީ ވެސް ވަކިން ސީޕްލޭން އޮޕަރޭޓްކުރި އެވެ. އެކަމަކު ފަހުން މި ދެ ކުންފުނި އެއްކޮށްލައި، ހަމައެކަނި ޓީއެމްއޭގެ ނަމުގައި ހިދުމަތް ފެށި އެވެ.

ސީޕްލޭންގެ ހިދުމަތަށް ވަންނަން އާ ބޯޓެއް ވެސް ވިލާ އެއާއިން ރާއްޖެ ގެނަ އެވެ. އެ ބޯޓު ބޭއްވީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހައްދަވާފައިވާ އެއާޕޯޓްގައެވެ. އެންމެ ފަހުން ހުއްދަ ނުލިބުމުން، އެ ބޯޓު ބޭރު ބަޔަކަށް ވިއްކާލީ އެވެ.

ބޯޓެއް ގެނެސް އެ ދުއްވޭނެ ގޮތެއް ނުވުމުން ވިލާ އެއާއަށް 4.2 މިލިއަަން ޑޮލަރު (64 މިލިއަން ރުފިޔާ) ގެ ގެއްލުމެއް ލިބުނުކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޑޮމެސްޓިކް ވައިގެ ދަތުރުތައް ފެށި މަންޓާއެއާއަށް ސީޕްލޭން އޮޕަރޭޓް ކުރުމަށް ޖާގަ ދިނުމަކީ މައްސަލައެއް ނޫންކަމަށް ވިލާ އެއާއިން ބުނެފައިވެއެވެ. ވިލާ އެއާގެ އެމްޑީ ނާޝިދު ދެކޭ ގޮތުގައި ވިލާ އެއާއަށް އެ ހުއްދަ ނުލިބުނީ ވަކި ވިޔަފާރިވެރިން އެމްއޭސީއެލްގެ ބޯޑުގައި ތިބޭތީއެވެ.

އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ މަންޓާ އެއާގެ އެއް ހިއްސާދާރުގެ ބައްޕާފުޅެވެ. ދެން އެ ބޯޑުގައި، ވިޔަފާރިވެރިޔާ އަދި ކުރިން ޓީއެމްއޭގެ އެންމެ ބޮޑު އެއް ހިއްސާދާރު ޗަމްޕާ ހުސެއިން އަފީފުގެ އަރިސް ބައެއް ބޭފުޅުން އޭރު ވެސް އަދި މިހާރު ވެސް ހިމެނެ އެވެ. އެހެންކަމުން ބައެއް މީހުން ބުނަނީ އެމްއޭސީއެލް ބޯޑުން ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ ކަމަށެވެ.

ދިވެހި އެއާލައިނަކުން ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށް ކޮށްފައި އޮތް ޕްލޭނަކަށް އަމަލީ ސިފަ ގެންނަން އެމްއޭސީއެލުން ހުރަސްއެޅުމަކީ ވަރަށް ބޮޑު މައްސަލައެއް ގޮތުގައި ވިލާ އެއާގެ އެމްޑީ ސިފަކުރަށްވާފައި ވެއެވެ.

ވިލާ އެއާއަށް ސީޕްލޭން އުދުއްސަން ހުޅުލެއިން ޖާގަ ނުދިން އިރު، ވިލާ އެއާގެ ފްލައިމީގެ އޮޕަރޭޝަންތަކުން އެމްއޭސީއެލަށް އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވިލާ އެއާއިން ބުނެއެވެ. އަދި ސަރަހައްދީ އެއާޕޯޓްތަކަށް ވިލާ އެއާގެ ދަތުރުތައް ފެށި ފަހުން
މިހާތަނަށް އެމްއޭސީއެލަށް ވިލާ އެއާއިން 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ސީޕްލޭން އޮޕަރޭޝަނަކީ، ހުޅުލެއިން ޖާގަ ނުލިބި ކުރިއަށް ގެންދެވޭނެ ކަމެއް ނޫންކަމަށް ވާއިރު، ވިލާ އެއާއިން ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށް ކޮށްފައި އޮތް ޕްލޭނަކަށް އަމަލީ ސިފަލިބުމަށް އިންސާފު ލިބޭނެ ދުވަހެއް ނޭނގެއެވެ.