މާލެއިން ގދ. ފަރެސްމާތޮޑާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި 'ފަހިރޯޅި' ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޯޓު އަޑިއަށްދާން ފަށައިފިއެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް، ފެލިދޫއަށް ގެންގޮސްފައެވެ.

Ad
rt

ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ 7 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ކަމަށެވެ.

ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ހާދިސާ ހިނގި ތަނަށް ގޮސް، ބޯޓުގައި ތިބި އެންމެން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ. ސަލާމަތްކުރެވުނު އެންމެން މިހާރު ތިބީ ވ. ފެލިދޫގައެވެ.

ސަލާމަތްކުރެވުނު 12 މީހުންގެ ތެރޭގައި ހިމެނެނީ 6 ދަތުރުވެރިން (ދިވެއްސަކާއި 5 ބިދޭސީން) އަދި ކެޕްޓަނާއި ބޯޓުގެ ވެރިފަރާތުގެ އިތުރުން 4 ބިދޭސީ ފަޅުވެރިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓުގެ މައްޔަށް ލޮޅުން އަރައި ފަޅައިގެން ގޮސްފައިވާއިރު، މިހާރު ބޯޓުގެ ބޮޑުބައި ވަނީ އަޑިއަށް ގޮސްފައެވެ. މި ބޯޓަކީ ގދ. ފަރެސްމާތޮޑާއަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެކެވެ. މުދާތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރިވަމުން އަންނަކަމަށެވެ.