ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ޙަޤީޤީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށެވެ. އަދި މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ހިނގަމުން މިދާ އަހަރުގެ ތެރޭގައި 2025 ވަނަ އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއްހަމަ ކުރައްވާފައިވާއިރު، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށެވެ. އެމަނިކުފާނު ޔަޤީންކަން ދެއްވީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ޙަޤީޤީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމަށެވެ.
ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 20,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވައި، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވަމުން، ރައީސް ވަނީ މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ޚުލާސާ މިސާލެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްޞީލުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު، ކުރިމަތިވެދާނެ ޚާއްޞަ ޙާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންނަށް އެކަމެއްގައި ހެޔޮގޮތް އޮންނާނެ ބީދައިންކަމަށެވެ. ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވަނީ، ވަށާޖެހެނިވި ތަރައްޤީއެއް ހޯއްދަވައި ދެއްވުމުގެ ނިޔަތުގައިކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!