ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެވެ.

އެގޮތުން، 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

Ad
rt

ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުއި ދިނުމަށް ސަރުކާރުން ފެށި މުހިންމު މަޝްރޫޢެކެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވާފައިވާއިރު، މީގެ އިތުރުން، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވާފައެވެ. އަދި ފުވައްމަލު ސިޓީގެ ވޭސްޓް މެނޭޖްނަންޓް ސެންޓަރުގެ މަސައްކަތް ވެސް ވަނީ ރަސްމީކޮށް ފަށާފައެވެ.

ސިޓީގެ ރައްޔިތުންނަށް ފައިދާހުރި އިތުރު ޚިދުމަތްތަކެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން، ފުވައްމުލައް ސިޓީގައި ޑޮލަރު އޭޓީއެމެއްގެ ޚިދުމަތް ފަށާފައިވާއިރު، އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުން ވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރުގެ މުހިންމު މުއައްސަސާތައް ފުޅާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެގޮތުން، ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމުގެ މަޝްރޫޢުއާއި، އެ ސިޓީގައި ނެޝަނަލް ލައިބްރަރީގެ ބްރާންޗެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ފައްޓަވައިދެއްވާފައެވެ.