ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހިމެނޭ ދަތުރުފުޅެކެވެ.
މި ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ސިޓީތަކުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައެވެ. މި ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އަމާޒަކީ އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެންމެފަހުން ވަޑައިގަތީ ޅ. އަތޮޅާއި ކ.އަތޮޅުގެ ރަށްތަކަށެވެ. މި ދަތުރުފުޅުގެ ފަހު މަންޒިލްގެ ގޮތުގައި 28 އޮކްޓޯބަރު 2025 ވަނަ ދުވަހު މާލެއަތޮޅު ތުލުސްދޫއަށް ވަޑައިގެންނެވުމާއެކު، ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުނީއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން، މި މުއްދަތުގައި 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ.
އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް ކަމަށް ރައީސް އޮފީހުން ވަނީ ފާހަަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!