ހއ. މޮޅަދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ މޮޅަދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިގޮތުން މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، މޮޅަދޫ މަގުތަކަކީ ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާއެއްޗެހި ދުއްވާ ފަރާތްތަކަށް އަމާންތަނަކަށް ހެދުމަށާއި، އުޅަނދުތައް ދުއްވާ ފަރާތްތަކަކީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާފަރާތްތަކަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.
C3 އަދި C4 ލައިސަންސް ކެޓަަރީގެ ދަށުން ލައިސަންސް ނެގުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 48 ފަރާތެއް ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ލައިސަންސް ނެގުމުގެ ކުރިން އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ލައިސަންސް ނަގައި އަދި ޤާނޫނީ އިމުގެ ތެރޭގައި އުޅަނދު ދުއްވުމަށް ހިތްވަރުދީ ބާރުއެޅޭނެ ކަމަށް ފާހަގަކުރެވެއެވެ.
މޮޅަދޫ ކައުންސިލަކީ ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025"ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ލިބުނު، އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހާސިލްކޮށްފައިވާ ކައުންސިލްކަން ވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!