ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފިއެވެ.

މިކަމާއި ގުޅިގެން ވެރިރަށް މާލޭގައި ފަށާފައި ވަނީ ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން "ނެޝެނަލް ޓޯޗް ރަން" ގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ.

Ad
rt

މާލޭގައި މި ދުވުން ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައި ކުރިއަށްދާ މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި އެތުލީޓުން އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް ބައިވެރިވެއެވެ.

ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާބެހޭ ވުޒާރާއާއި، އެޗްޕީއޭ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާ ގުޅިގެން "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކޮށް، ކުޑައިރުންސުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި "ޖެނެރޭޝަން ބޭން" ތަންފީޒުކުރަން ފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް އެޅުނު ވަރަށް ހިތްވަރުގަދަ ފިޔަވަޅެއް ކަމަށް ޑަބްލިޔުއެޗްއޯގެ މަންދޫބު ވިދާޅުވިއެވެ. މި ދުވުމުގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ހޭލުންތެރިކުރުމުގެ ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން އުތުރުން ކުޅުދުއްފުށީ ސިޓީގައި ވަނީ 24 ގަޑި އިރުގެ ހިނގާލުމެއް ބާއްވަން ނިންމައި ހިނގާލުން ފަށާފައެވެ. ކުޅުދުއްފުށީގެ ހުރިހާ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ބާއްވާ މި ހިނގާލުން ނުވަތަ "ވޯކަތޯން" މިއަދު ހަވީރު 4 އިން 1 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މިއީ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މެއި މަހު ގެނައި ބަދަލާއެކު 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އަދި އެ ބަދަލާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މީގެ ކުރިން އާންމުކުރި މައުލޫމާތުގައިވާގޮތުން ރާއްޖެއަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަން ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. ރާއްޖޭގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާ ކަމަށް ސްޓެޕްސް ސާވޭއިން ދައްކަ އެވެ. 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ބާވަތެއް ބޭނުންކުރެ އެވެ.