މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރަށްވާ މަގާމެކެވެ. ކަސްޓަމްސްގައި ތިން ޑެޕިއުޓީ ކޮމިޝަނަރަކު ތިއްބެވިއެވެ.

Ad
rt

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ ދެ މައްސަލައަކާއި ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށް ތިން އޮފިސަރަކަށް ފިޔަވަޅުއެޅުމަށް އަންގާފައިވާކަމަށެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައެވެ. ދެވަނަ މައްސަލައަކީ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައެވެ.

ރައީސް ވިދާޅުވިގޮތުގައި މި މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކުރަށްވާފައިވާކަމަށެވެ. އަދި ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސްގައި ތިން ޑެޕިއުޓީ ކޮމިޝަނަރަކު ތިއްބަވާއިރު، ވަކިކުރެއްވީ ކޮން ދެ ޑެޕިއުޓީންނެއްކަމެއް އަދި ސާފެއްނުވެއެވެ. އެ މަގާމުގައި ތިއްބަވަނީ މަހްމޫދު ރިޔާޒާއި، އިބްރާހިމް މަފާޒު އަދި އަބްދުﷲ ވަހީދެވެ.