ދިވެހި ފުލުހުންގެ ޚިދުމަތުން ހދ. ނޮޅިވަރަމުގައި ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

"އެކުވެރި ފުލުހުންގެ ހަރަކާތް" ގެ ނަމުގައި މި އޮކްޓޫބަރ މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

Ad
rt

މި ހަރަކާތުގެ ތެރެއިން ފުލުހުން ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދީފައިވަނީ ނޮޅިވަރަމު ކައުންސިލުގެ އިދާރީ މުވައްޒަފުންނަށެވެ.

ނޮޅިވަރަމްގައި ފުލުހުން ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ ޕްރޮގްރާމްގެ ތެެރެއިން، ފޮޓޯ: ހދ.އަތޮޅު ޕޮލިސް

މިގޮތުން މި ހަރަކާތުގެ ދަށުން މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސީނިއަރ ސާޖަންޓް އަޙްމަދު ޝިފާއު އާއި ސާޖަންޓް ޢަލީ މުޙައްމަދު ގެ އިތުރުން ކޮންސްޓަބަލް ޢަލީ ޒާހިރު އެވެ.

މި ހަރަކާތުގެ ތެރެއިން މުވައްޒަފުންނަށް މަލްޓިފެކްޓަރ އޮޓެންޓިކް ބޭނުންކުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ސަމާލުވެ، ސޮފްޓްވެއަރ އަފްޑޭޓް ކުރުމަށާއި، ވަރުގަދަ ޕާސްވޯޑް ބޭނުންކުރުމަށް ހޭލުންތެރިކުރުވާފައިވެއެވެ.

ފުލުހުން ދަނީ އިދާރީ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުމަށް މި ހަރަކާތް ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވަމުންނެވެ.