ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޙުސްނީ މުބާރިކް މި މަޤާމަށް ޢައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން ކުރިން އެ މަގާމުގައި ހުންނެވީ މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމްއެވެ. ރިޒާ ވަނީ 26 އޮކްޓޯބަރުގައި އެ މަގާމުން އިސްތިއުފާދެއްވާފައެވެ.
ޖޭއެސްސީ އަށް މަޖިލީގުގެ މެމްބަރުންކުރެ އަލަށް ޢައްޔަނުކުރި ޙުސްނީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ރަސްމީ ލިޔުން ޙުސްނީ މުބާރިކާއި ޙަވާލުކޮށްދެއްވާފައެވެ.
ހުސްނީގެ އިތުރުން މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ކޮމިޝަންގެ މެންބަރުކަމުގައިވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް) ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!