ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މި ތާރީޚީ ދަތުރުފުޅު ފުރިހަމަކުރެއްވީ އިއްޔެ ފާދިއްޕޮޅުގެ ރަށްރަށާއި މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ ގުޅިގެންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން، މި މުއްދަތުގައި 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ.
އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް ކަމަށް ރައީސް އޮފީހުން ވަނީ ފާހަަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޙާލު ބައްލަވައި، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ. މި ސީދާ މަޝްވަރާތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެގެންދާކަން ފާހަގަކުރެވޭކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. އަދި ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ވަކިވަކި ރަށްރަށަށް ޚާއްޞަ މަޝްރޫޢުތައް ތަޢާރަފުކޮށްދެއްވާފައިވެއެވެ. އެގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ލިބޭނެކަން ކަށަވަރުކޮށްދެއްވިއިރު، މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!