•  
  •  
  •  
  •  
  •  
  •  

ހދ. ނެއްލައިދޫ އަސުރުމާގޭ، އަހުމަދު އަބުދުﷲ އަކީ ހދ. ނެއްލައިދޫ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް މެދު ނުކެނޑި 40 އަހަރާއި 7 މަހާއި 19 ދުވަހު ހިދުމަތްކުރެއްވި މުރާލި، ހީވާގި ޅިދުމަތްތެރިއެކެވެ. ނެއްލައިދޫ މީހުންގެ ނަމުންނަމަ އަޙްމަދުބޭ އަކީ އަތޮޅުންވެސް ހުނިޖަހާލެވޭ ފަދަ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަހުމަދު އަބުދުﷲގެ ރަން ސާޅީސް އަހަރުގެ ޚިދުމަތް ނިންމާލެއްވީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުންނެވެ.

20 އޮކްޓޯބަރ 1962ވީ ހޮނިހިރު ދުވަހު ހދ. ނެއްލައިދޫ އަސުރުމާގެއަށް އުފަންވި އަހުމަދު އަބުދުﷲ އަކީ، ހދ. ނެއްލައިދޫ އަސުރުމާގެ އަބުދުﷲ މުޙައްމަދާއި، މަރިޔަމް އާދަމަށް ލިބިފައިވާ 8 ދަރިންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ. އާއިލާގެ އެހެން މެމްބަރުން ފަދައިން، އަހުމަދު އަބުދުއްﷲގެ ވެސް އެންމެ ފުރަތަމަ ތައުލީމީ ދަންމަރުގެ ވޮށްކޮޅު ދިއްލައިލީ މަންމަގެ އުނގުންނެވެ. މައިންބަފައިންގެ އޯގާތެރިކަމާއެކު އުފާވެރި ޅަފުރާގެ ދައުރު ހޭދަކުރެއްވީ މައިންބަފައިން ގާތުގައެވެ.

އުމުރުން ހަ އަހަރުގައި ނެއްލައިދޫ މަކުތަބުގައި ތައުލީމު ހާޞިލްކުރަންފެށިއެވެ. ނެއްލައިދޫ މަކުތަބުން ހާއްޞަ ކުލާސް 1 އަދި 2 ނިންމުމަށްފަހު 1972 ވަނަ އަހަރު ފިނޭ ސުކޫލުން ތައުލީމު ހާޞިލްކުރިއެވެ.

އޭގެފަހުން އާއިލީ މަސައްކަތުގެ ތެރެއަށް ނިކުމެވަޑައިގެން މައިންބަފައިންނަށް އެހީތެރިވެދީ، ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރުމުގައި އާއިލާއާއެކު އުޅުއްވިއެވެ. ދަނޑުހެއްދުމާ ދަރުކޮށުމަކީ އެދުވަސްވަރު މައިންބަފައިން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްކަމުން، އަހުމަދު އަބުދުﷲ ވެސް އެ މަސައްކަތުގައި ހީވާގިކަމާއެކު އުޅުއްވިއެވެ. އެއަށްފަހު 1978 ވަނަ އަހަރު މާލޭ އިންގްލިސް ސުކޫލުން ގުރޭޑު 5 ކިޔަވާވިދާޅުވިއެވެ. މާލެ ބަދަލުވުމާ ހަމައަށްވެސް އަހުމަދު އަބުދުﷲ ފާހަގަކުރެވިފައިވަނީ ކިޔެވުމަށް ޝައުޤުވެރި، ހިތްވަރާއެކު ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ދަރިވަރެއްގެ ގޮތުގައެވެ. އަހުމަދު ކުލާހުންވެސް އެންމެ މަތީ ތަރަޖައިން ފާސްވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

1987 ވަނަ އަހަރުގެ ޖުލައިމަހު، މާލޭގައި ފެށުނު އާއިލާ އެހީތެރިން ތަމްރީނުކުރާ ކޯހެއްގައި ބައިވެރިވެ، އެ ކޯހުން އެއްވަނަ ދަރަޖައިގައި ފާސްވެވަޑައިގެން، 1 މެއި 1979 ވަނަ އަހަރު ރަށަށް ވަޑައިގެން ރަށަށް ޚިދުމަތްދެއްވަން ފެއްޓެވިއެވެ. ރަށުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ރަށު އޮފީހުގައިކަމުން ރަށު އޮފީހުގެ ގިނަ އިދާރީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިވަޑައިގެންފައެވެ.

1983 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ނެއްލައިދޫ ކުޑަކަތީބު ކަމުގެ މަޤާމަށް އަހުމަދު އަބުދުﷲ އައްޔަންކުރެވުނެވެ. ރަށުގެ ކުޑަކަތީބުކަމުގެ މަޤާމުގައި 17 އަހަރު ހޭދަކުރެއްވުމަށްފަހު ރަށުގެ ކަތީބު ކަމާ ހަވާލުވެ ވަޑައިގަތީ 2000 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

އަދި 2011 ވަނަ އަހަރު ކަތީބުކަމުގެ ނަން އެސިސްޓެންޓް ޑިރެކްޓަރގެ ނަމަށް ބަދަލުކުރެވި ޒިންމާދާރު އިސްވެރިޔާގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. 2019 ވަނަ އަހަރު އަމިއްލަފުޅަށް ބޭނުންފުޅުވެވަޑައިގެން ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުކާރަށް 40 އަހަރުގެ ދިގުމުއްދަތަކަށް ވަނީ ހިދުމަތްކުރައްވާފައެވެ.

އަހުމަދު އަބުދުﷲ ފާހަގަކުރައްވާ ގޮތުގައި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވަރަށްގިނަ ކާމިޔާބީތައް ހާސިލްކުރެވިފައިވާކަމަށާއި، އެންމެ ބޮޑު ކާމީޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވަނީ ކިޔަވާވިދާޅުވި ކޮންމެ ކޯހަކުން އެއްވަނަ ދަރަޖައިގައި ފާސްވުންކަމަށެވެ. ވަޒީފާ އަދާކުރެއްވިއިރު ގޮންޖެހުމެއް ކުރިމަތި ވެވަޑައިނުގަންނަވާކަމަށާއި ވަޒީފާއެއްގައި އުޅޭނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ދަނެގެން ވަޒީފާގައި ކުރިއަށްދާނަމަ ގޮންޖެހުމަކީ މާ ބޮޑުކަމަކަށް ނުވާނެކަމަށް އަހުމަދު އަބުދުﷲ ފާހަގަކުރައްވައެވެ.

އަހުމަދު އަބުދުއްﷲ އާއެކު މަސައްކަތް ކުރެއްވި ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަކީ އެއްއިރެއްގައިވެސް ބޮޑުކަމަކަށް ނުވާކަމަށާއި ހިކުމަތްތެރިކަމާއެކު ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވަނީ ކެތްތެރިކަމާއެކުގައިކަމަށެވެ.

މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކަކީ މިއަދުގެ ކުދިންނަށް ނުހަނު ރަނގަޅު ބޮޑެތި ފަސޭހަތަކެއްކަމުގައި އަހުމަދު އަބުދުﷲ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީގައި މުވާސަލާތުކުރުމުގެ ދަތިކަން ހުންނަގޮތް ހިއްސާކުރައްވަމުން ވިދާޅުވީ އަތޮޅު އޮފީހުން ފޮނުވާ މެސެޖްތައް ނަގަން ދާންޖެހެނީ ވޯކީޓޯކީ ހިފައިގެން ރަށުގެ ގޮޑުދޮށުން ކަމަށާއި ވިއްސާރަވެ ވައިގަދަ ދުވަހެއްނަމަ ރޭންޖް ނުލިބި ވަރަށް ގިނަވަގުތު ހޭދަކުރަންޖެހޭ ކަމުގައެވެ. އަދި މިކަމުގެތެރޭން އެންމެ ހަނދާންވާ ދުވަހެއްކަމުގައި ފާހަގަކުރެއްވީ، ހަނދާންނެތިގެން ފޮތްނުލާ ދެވުމުން ބިންމަތީގައި މެސެޖް ލިޔުމަށްފަހު ފޮތް ބަލައި އަންނަން ޖެހުނުދުވަހެކެވެ.

އަޙުމަދު އަބުދުﷲ އަކީ ރަށުގެ ތަރައްޤީއާއި ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ވެސް ފުޅާ ދާއިރާއެއްގައި ބައިވެރިވާ ފަރާތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. ރަށުގައި މިހާތަނަށް ހިންގުނު ތަރައްޤީގެ ކޮންމެ މަސައްކަތެއްގައި އަހުމަދު އަބުދުﷲގެ ދައުރު ވަރަށްވެސް ބޮޑެވެ.  ރަށުގައި އެންމެ ފުރަތަމަ އުފެދުނު ޖަމްމިއްޔާ ނެއްލައިދޫ އެކުވެރިންގެ ދިރުމުގެ ފައުންޑަރު މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ޖަމްއިއްޔާގެ ފަރާތުން ކުރެއްވި ގިނަ މަސައްކަތްތަކެއްގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމުގައި އެޖަމްޢިއްޔާގެ ސެކެޓްރީޖެނެރަލް ފާހަގަކުރައްވައެވެ. އެގޮތުން ރަށު ފެންވަރުގައި ބޭސްފިހާރައެއް އެޅުމާއި އާންމުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުމާއި ސުކޫލުގައި ފާހާނާ ބަރިއެއް އެޅުން ހިމެނެއެވެ.

މިކޮންމެ ކަމެއްގައިވެސް އަހުމަދު ޢަބުދުﷲ އުޅުއްވީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. ރަށުގެ ކުޑަކަތީބުކަމާ ހަވާލުވުމަށްފަހުވެސް ރަށުގެ ތަރައްޤީއަށް ޓަކައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއްގައި އަހުމަދު އަބުދުﷲ ހިންމަތާ މިންނަތާއެކު ރައްޔިތުންނާއެކު ސާބިތުވެ ހުންނެވިއެވެ. ރަށު ތެރޭން މިއަދު މިފެންނަމުންދާ ކަރަންޓުގެ އަލިކަން މިއަދު މިދެކޭ ގޮތަށް ބަދަލުކުރެއްވުމަށްޓަކައި ރައްޔިތުންނާ ގުޅިގެން ބުރަ ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އަހުމަދު ޢަބުދުﷲއާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާ ގިނަ މުވައްޒަފުން ފާހަގަކުރައްވާ ގޮތުގައި އަހުމަދު އަބުދުﷲއަކީ ޝައުޤުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނަ ހަރުދަނާ ލީޑަރެކެވެ. ހިންގުންތެރި މުރާލި ވެރިއެކެވެ.

އަޙުމަދު އަބުދުﷲ ކަތީބުކަމާއި ހަވާލުވެވަޑައި ގަތުމަށް ފަހުވެސް ރަށުގެ ތަރައްޤީއަށް ޓަކައި ރައްޔިތުންނާއި ގުޅިގެން ގިނަމަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ރަށު ސުކޫލުގައި ގުރޭޑު 8 އުފެއްދުމަށް ރައްޔިތުންނާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. ޒިންމާދާރުވެރިޔާގެ މަޤާމުގައި ހުންނެވިއިރުވެސް ފާހަގަކުރެވުނީ ރަށުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދެއްވި ވެރިއެއްގެ ގޮތުގައެވެ.

މިޒާޖުގައި މަޑުމައިތިރިކަމެއް ހުންނަ އަހުމަދު އަބުދުﷲ އަކީ ރައްޓެހިންގެ ތެރޭގައި ސަކަ މަޖާ މިޒާޖެއްގެ ވެރި ބޭފުޅެކެވެ. ރައްޓެހިންނާ ގާތް ގުޅުމެއް ބާއްވަވާ އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އާއިލާގެތެރޭގައިވެސް ދަރިންނާ ގާތްގުމެއް އުފައްދަވާ ހުރިހާ ދަރިންގެ ލޯބި ލިބިވަޑައިގެންފއިވާ ބޭފުޅެކެވެ. ހދ. ނެއްލައިދޫ ސާރާޒް ސަމީރާ ހަސަނާ ކައިވެނި ބައްލަވައިގެން ހުންނެވިއިރު 2 ފިރިހެން ދަރިންނާއި 5 އަންހެން ދަރިން އަދި 7 ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.

އަދުގެ ޒުވާނުންނަށާއި ވަޒީފާއަދާކުރާ އެންމެހާ ފަރާތްތަކަށް އަހުމަދު އަބުދުﷲ ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ވަޒީފާއަކީވެސް ބުރަ ވަޒީފާއެއްކަމަށާއި، ވަޒީފާއެއް އަދާކުރަންވާނީ ޝައުޤުވެރިކަމާއި އިޙުލާޞްތެރިކަމާއެކުގައި ކަމުގައެވެ. ނޫންނަމަ ވަޒީފާ ދޭފަރާތަށް ގެއްލުންލިބި ޚިދުމަތް ހޯދާފަރާތްތަކަށްވެސް އެކަމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމުގައެވެ.

އަހުމަދު އަބުދުﷲގެ ރަން ސާޅީހަކީ ނެއްލައިދޫގެ ކޮންމެ ހިތަކާއި ގުޅިފައިވާ ޚިދުމަތްތެރި ސާޅީސްކަން ކަށަވަރެވެ.

ނޯޓު: މިރިޕޯޓުގައިވާ މައިގަނޑު މަޢުލޫމާތަކީ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓުން ނަލަލުކޮށްފައިވާ މަޢުލޫމާތު ތަކެކެވެ. އަދި އެކައުންސިލްގެ ވެބްސައިޓުގައި އަހުމަދު އަބުދުﷲ ބެހޭގޮތުން ހިމަނާފައިވާ ރިޕޯރޓްގެ ބައިތައް މިލިޔުމުގައި ނަކަލުކޮށްފައިވާނެއެވެ.

 

 

1 ޚިޔާލު

  1. މިއީ ނެއްލައިދޫ ކައުންސިލްގެ ލިޔުމެއް. މި ނޫހުގެ ހަރު މުދަލަކަށް މި ރިޕޯޓް ހެދީތީ ހިތާމަ ކުރަން

Your email address will not be published.

More in ބޮޑު