މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ ނަންތައް މިއަދު ފާސްކޮށްފިއެވެ.

މި ނަންތައް ފާސްކުރުމަށް ވޯޓަށް އަހާފައި ވަނީ މިއަދުބޭއްވި 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

Ad
rt

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އިންޓަވިއު މަރުހަލާގައި 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނަށެވެ. އެއީ މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތަށާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގް އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ތިން ނަން އިއްޔެ ފާސްކުރުމާއެކު، އެ ކޮމިޝަނަށް މި ބޭފުޅުން ޢައްޔަނު ކުރަން ފެނޭތޯ މިއަދު ވަނީ ތަޅުމުގައި ވޯޓަށް އަހާފައެވެ.

އެ ތިން ބޭފުޅުން އެ މަގާމަށް ޢައްޔަނުކުރަން ފެނޭތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބޭފުޅުން ކޮމިޝަނަށް ޢައްޔަނުކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެންބަރުން އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން 13 އޮކްޓޯބަރު 2025 ގައި ވަނީ މަގާމަށް ހަމަޖައްސާފައެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި މީޑިއާ ކައުންސިލްގެ އެންމެ ފަހުގެ ރައީސް ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފީސް" އުފައްދަވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާފައި ވެސް ވަނީ އެދުވަހުއެވެ.