60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މި އަހަރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ދަނބިދޫ އަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެއްކަމަކީ އެރަށް އެމްބިއުލެންސެއްގެ ބޭނުން ޖެހިފައިވުމެވެ. އެހެންވެ، ދަނބިދޫގެ ޞިއްޙީ މަރުކަޒަށްވެސް އެމްބިއުލެންސެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ އެމްބިއުލެންސް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު ރަށްތަކަށް އެމްބިއުލެންސް ފޮނުވުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށާއި، މިއަހަރު 63 ވަރަކަށް ރަށަށް ބޭނުންވާ އެމްބިއުލެންސް ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

''މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން އެބަ ގެންނަން، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް. އަޅުގަނޑު ހަނދާންވަނީ، 63 ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް އެބަ ގެނެވެއޭ. މި އެމްބިއުލެންސްތައް އަޅުގަނޑުމެން މި ފޮނުވަނީ، މިފަދަ ރަށްރަށަށް.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި މި އެމްބިއުލެންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ، މިހާރު އެމްބިއުލެންސް ހަލާކުވެފައިވާ ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށް ކަމަށެވެ.

ޞިއްޙީ ދާއިރާއަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި އެންމެ މަތީގައި އުޅޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާ ކަމަށެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތްތައް ވަރުގަދަ ކުރުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.