ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ ފަސް ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު ރިސޯޓެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ރަޙީމާ ޢަބްދުއްރަޙީމެވެ. އަދި ރިސޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރައްވާ ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މީގެ އިތުރުން، ލ. މާމެންދޫގެ ތަރައްޤީއާ ގުޅުންހުރި އެހެނިހެން މުހިންމު މަޝްރޫޢުތަކެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ބަނދަރު ތަރައްޤީކުރުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މި ހުރިހާ މަޝްރޫޢުތަކަކީވެސް ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ސްކޫލުގެ ތަރައްޤީއާގުޅޭ މަޝްރޫޢެއް ހިމަނުއްވައި، އަވަސް މިނެއްގައި އެ މަސައްކަތް ނިންމަވައިދެއްވާނެކަމަށާއި، ކުޅިވަރުގެ ދާއިރާއިންވެސް އަންނަ އަހަރު ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!